ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތް އަމީރު އަހްމަދު މަގު މިއަދުން ފެށިގެން އާއްމުކޮށް ހުޅުވަން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި އެ މަގު ހުޅުވާލާނީ މިއަދު ހަވީރު 17:30 އިން ފެށިގެން ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެމަގުގައި އާންމު ދަތުރުފަތުރު ކުރެވޭނެ އެވެ.
އިސްލާމީ މަރުކަޒާ ދިމާލުން އަމީރު އަހްމަދު މަގުގައި ޖަހާފައި ހުރި މާބުލްތައް ނައްޓާލައި، މިމަގު އަލުން އާންމުންނަށް ބޭނުންކުރެވޭ ގޮތް ހެދީ ޕްލޭނިން މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގުޅިގެންނެވެ.
އަމީރު އަހުމަދު މަގު އަލުން ހުޅުވާލަން ނިންމާފައިވާއިރު، އެ މަގު އަލުން ހުޅުވުމަށް ގިނަ ބަޔަކު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފައެވެ.
އަމީރު އަހްމަދު މަގު މިއަދު އާއްމުކޮށް ހުޅުވާލާއިރު، ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ރާއްވަވާފައިވާ ކަންތައްތަކުގެ ތެރޭގައި ވެސް މާލެއަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުން ހިމެނެއެވެ.