Last Updated: June 21, 13:30
Sunday, June 21, 2026
ޚަބަރު

ވިސާއާއި ނުލައި ދިވެހިންނަށް ޔޫއޭއީއަށް އެތެރެވެވޭނެ ގޮތް ހަމަޖައްސައިފި

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް - ފޮޓޯ: މޯލްޑިވްސް ޓައިމްސް

މާދަމާ އިން ފެށިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް އެތެރެވެވޭނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޚަލީލް ވިދާޅުވީ، ޔޫއޭއީ އިން ދިވެހިންނަށް ހިލޭ ވިސާ ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ޖެހޭ ހުރިހާ އިންތިޒާމެއް ހަމަޖައްސައި، އެއާލައިންތަކަށް ވެސް އެކަން އަންގާފައިވާ ކަމަށެވެ. އަދި އެކަން އެޤައުމުގެ ސަރުކާރުން ރަސްމީކޮށް ދިވެހި ސަރުކާރަށް މިހާރު އަންގާފައިވާ ކަމަށްވެސް ޚަލީލް ވިދާޅުވި އެވެ.

ވިސާ އަކާއި ނުލައި ޔޫއޭއީ އަށް ދަތުރުކުރުމުގެ ނިޒާމް ހަމަޖެހުމާއި ގުޅިގެން ދިވެހިންނަށް އެކަމުގެ ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޚަލީލް ވިދާޅުވި އެވެ.

އެހެންނަމަވެސް ޚަލީލް ވިދާޅުވީ، ޔޫއޭއީ އަށް ދިއުމަށް އެއް މަސް ދުވަހުގެ އޮން-އެރައިވަލް ޓޫރިސްޓު ވިސާ ލިބުނު ކަމުގައިވިޔަސް، އެހެނިހެން ބޭނުންތަކަށް ވިސާ ނަގާއިރު ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.

އަދި ގަލްފްގެ އެހެން ޤައުމްތަކަށް ވެސް ވިސާ އާއި ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެ މިނިސްޓްރީ އިން ކުރަމުންދާ ކަމަށްވެސް ޚަލީލް ވިދާޅުވި އެވެ.