Last Updated: June 17, 12:00
Wednesday, June 17, 2026
ދުނިޔެ

ފިލިޕިންސްގެ ޝޮޕިންގ މޯލެއްގެ ބޭރުގައި އެއްޗެއް ގޮވައި، ދެ މީހުން މަރުވެއްޖެ

ފޮޓޯ: ސީއެންއެން

ދެކުނު ފިލިޕިންސްގެ ޝޮޕިންގ މޯލެއް ބޭރުގައި އެއްޗެއް ގޮވައި ހިނގި ހާދިސާގައި މަދުވެގެން ދެ މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ އެވެ.

ކޮޓަބާޓޯ ސިޓީ ޕޮލިސްގެ ތަރުޖަމާނު ކްރިސްޓޮފާ ލީ އާއި ހަވާލާދީ "ސީއެންއެން" އިން ރިޕޯޓްކުރާ ގޮތުގައި މިންޑަނާއޯގެ ކޮޓަބާޓޯ ސިޓީގެ ސައުތު ސީސް މޯލްގެ ބޭރުގައި އެ ހާދިސާ ހިނގާފައި ވަނީ އައިއީޑީ އެއް ގޮވުމުގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޖެނެރަލް ސެންޓޮސް ސިޓީގެ އޮފީސް އޮފް ސިވިލް ޑިފެންސްގެ ތަރުޖަމާނަކު މަޢުލޫމާތު ދޭ ގޮތުގައި އެ ހަމަލާގައި ދެ މީހަކު މަރުވެފައިވާއިރު، 23 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އަދި އެ ހުރިހާ މީހުންވެސް ވަނީ މިހާރު ކައިރި ހޮސްޕިޓަލްތަކަށް ފޮނުވާފައި ކަމަށްވެސް އޭނާ ބުނެއެވެ.

ފިލިޕިންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފުލުހުން ދަނީ އަދިވެސް އެ ހާދިސާ ހިނގަން މެދުވެރިވީ އައިއީޑީއެއްގެ ސަބަބުންތޯ ނުވަތަ ބާރުގަދަ ބަޑިބޭހުގެ ސަބަބުންތޯ ތަހުޤީޤުކުރަމުން ކަމަށެވެ.

މިއަދު ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ކޮޓަބާޓޯގެ މޭޔަރ ފްރާންސިސް ސިންތިއާ ގަޔާނީ-ސަޔާދީ ވިދާޅުވީ އެއީ އިންސާނިއްޔަތާއި ދެކޮޅަށް ހިންގި ޢަމަލެއް ކަމަށެވެ. އަދި އެ ހާދިސާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.