ޖިނާއީ މައްސަލަތުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ޢަމަލުކުރައްވާނެ މައިގަނޑު ސިޔާސަތުތައް، ޤާނޫނު އަސާސީގެ ދަށުން ބަންޑާރަ ނައިބު މިއަދު ކަނޑައަޅުއްވައިފި އެވެ.
އޭޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި ސިޔާސަތުތައް ކަނޑައެޅުއްވުމުގެ އެންމެ މައިގަނޑު އެއް މަޤްޞަދަކީ ޖިނާއީ ޢަދުލުގެ ނިޒާމް ބައްޓަންކުރެވިފައި ވަނީ، ކުށްކުރުން ހުއްޓުވުމާއި ކުށްކުރާ ފަރާތްތައް ޒިންމާދާރުކުރެވި، އެ ފަރާތްތަކުގެ ކިބައިން މުޖުތަމަޢު ރައްކާތެރިކޮށްދިނުމުގެ މަޤްޞަދު ޙާޞިލުކުރެވިގެންދާއިރު، އެކަން ކުރެވެނީ ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ޤާނޫނުން ލިބިދޭ ރައްކާތެރިކަން އެފަރާތަށް ލިބިދިނުމާއެކު، ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށް ބާރުއެޅުން ކަމަށެވެ.
އަދި 2008 ވަނަ އަހަރު އާންމުކުރެވުނު ސިޔާސަތުތައް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ، ކުށުގެ ބާވަތަށް ބިނާކޮށް އާންމު އުސޫލެއްގެ ދަށުން ދައުވާކުރެވެންވާނެ ބާވަތުގެ މައްސަލަތަކެއް ފާހަގަކުރެއްވުމަށް ކަމުގައިވީ ނަމަވެސް، މިއަދު ބަންޑާރަ ނައިބު އާންމުކުރެއްވި މައިގަނޑު ސިޔާސަތުތަކަކީ، ޖިނާއީ ކުށްކުށުގެ ދައުވާ ކުރެއްވުމަށް ޕީޖީ އަށް ލިބިދޭ ބާރުތައް ބޭނުންކުރެއްވުމުގައި އިސްކަންދެއްވަންވީ ބާވަތުގެ މައްސަލަތަކެއް ކަނޑައެޅުއްވުމަށް ބުރަވެވަޑައިގަތުމުގެ ބަދަލުގައި، އެ މަސްއޫލިއްޔަތު ޕީޖީ އަދާކުރައްވަނީ ވަކި ފަރާތަކަށް ބުރަވެވަޑައިގަތުމެއް ނެތި، މިނިވަންކަމާއެކު، ތަޢައްސުބުން އެއްކިބާވެ، ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ކަށަވަރުކުރުމަށްޓަކައި ޕީޖީ ޢަމަލުކުރައްވަންވީ އާންމު އުސޫލުތަކެއް ބަޔާންކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޖިނާއީ މައްސަލަތަކުގައި ދައުވާކުރެއްވުމުގައާއި، އެ ދައުވާތައް މުރާޖާކުރެއްވުމުގައާއި، ދައުވާނުކުރައްވައި ދޫކޮށްލެއްވުމަށް ނިންމަވާ ނިންމެވުންތައް ނިންމަވަނީ، ހަމަހަމަކަމާއެކު ހާމަކަންބޮޑު ގޮތެއްގައި، ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި ޕީޖީ ރިޢާޔަތްކުރައްވަންވާނެ އާންމު ސިޔާސަތުތަކެއް ހިމެނެއްވުމުގެ އިތުރުން، ބަންދުކުރެވޭ މީހުން ބަންދުކުރެވޭ ޙާލަތްތަކާއި ބަންދުގައި ބޭއްތިއްބޭނެ ޝަރުތުތައް މުރާޖާކުރެއްވުމުގެ މަސްއޫލިއްޔަތާއި، ތަޙުޤީޤީ އިދާރާތަކުން ހިންގަންޖެހޭ ތަޙުޤީޤުތައް ހިންގާތޯ ބެއްލެވުމަށް ޤާނޫނު އަސާސީ އިން ޕީޖީ އާއި މަތިކޮށްފައިވާ ޒިންމާތައް، ހާމަކަންބޮޑު ގޮތެއްގައި އަދާކުރެއްވުމަށް ބާރުއެޅުއްވުމަށްޓަކައިވެސް އުސޫލުތަކެއް ހިމަނުއްވާފައިވާ ކަމަށެވެ.
މީގެ އިތުރުން، މި ސިޔާސަތުތަކަކީ ކުޑަކުދިންގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމު ހިންގޭއިރު، އެ ކުދިންގެ މަޞްލަޙަތަށް އެންމެ ފައިދާ ހުރިގޮތަށް އިސްކަންދެވޭނެ އުސޫލަކުން، އަދި އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނެވޭނެ ގޮތަށް ބައްޓަންކުރެވިފައިވާ ނިޒާމެއްގެ ތެރެއިން އެކުދިންނާމެދު ކަންކުރެވިގެން ދިއުމަށް ބާރުއަޅައިދޭ ސިޔާސަތުތަކެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް ބަންޑާރަ ނައިބު މިއަދު ކަނޑައެޅުއްވުމާއެކު، 2008 ވަނަ އަހަރު އާންމުކުރައްވާފައިވާ ސިޔާސަތުތައް އުވުނީ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.