Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

މި އަހަރު އަލިފާނުގެ 105 ހާދިސާ، ގޭސް ލީކްވުމުގެ 65 ހާދިސާއެއް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

މި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކޮ ކަންކޮޅުތަކުގައި އަލިފާނުގެ 105 ހާދިސާއެއް އަދި ގޭސް ލީކުވުމުގެ 65 ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރު ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ، މި އަހަރުގެ މިހާހިސާބަށް 105 އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށާއި، މީގެ ތެރޭގައި ބޮޑެތި ހާދިސާތަކުގެ ގޮތުގައި 11 ހާދިސާ ހިމެނޭ ކަމަށެވެ. އަދި 3 ހާދިސާއެއް މި މަހުގެ ތެރޭގައި ހިނގާފައިވާކަމަށާއި މީގެ ތެރޭގައި ކަރަންޓް ޝޯޓެއް ވެގެން އަލިފާނުގެ ހާދިސާ ހިނގާފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

އަދި ކަރަންޓުގެ ސަބަބުން ހިނގާ ހާދިސާތައް ކުޑަކުރުމުގެ ގޮތުން އެޅެން ހުރި ފިޔަވަޅުތައް ބެލުމަށް ސްޓެލްކޯއާއި އެކީ ބައްދަލުވުމެއް ބޭއްވިފައިވާކަމަށާއި މި ބައްދަލުވުމުގައި ފާހަގަކުރެވުނު ކަމަކީ މިފަދަ ހާދިސާތައް ހިނގަނީ މިހާރަކަށް އައިސް ގޭގެ ކަރަންޓް ވައިރުކުރާކުރުމުގައި ސްޓެލްކޯއިން އެޕްރޫވްކޮށްފައިވާ ކޮލިޓީގެ ތަކެތި ބޭނުން ނުކުރުމާއި އަދި ކޮންޓްރެކްޓަރުން ބަހައްޓަންޖެހޭ ވަރަށް ފަރުވާ ނުބަހައްޓައި މަސައްކަތްކުރުން ކަމުގައި ވެސް ޒުހޫރު ވިދާޅުވި އެވެ.

އަދި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ސްޓޭލްކޯ އާއި ގުޅިގެން މާލޭގެ ގެތަކުގެ ކަރަންޓްގެ ހާލަތު ދެނެގަތުމަށް ހަމަޖެހިފައިވާކަމަށް މި ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.

ޒުހޫރު އިތުރަށް ވިދާޅުވީ މި އަހަރުގެ މިހާތަނަށް ގޭސް ލީކުވުމުގެ 65 ހާދިސާއެއް ވެސް ހިނގާފައިވާ ކަމަށާއި، މި މަހު އެކަނި ވެސް އޭގެ 13 މައްސަލަ ހިނގާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ނުރައްކާތެރި ތިން މައްސަލައެއް ހިނގާފައިވާ ކަމަށާއި، އެގޮތުން ގަޕީސް ނެސްޓްގައި 20 ނޮވެމްބަރުގައި ހިނގި ހާދިސާ އާއި ޖޫން ނުވަ ވަނަ ދުވަހު ޝެލްބީންސް ބޭކަރީގައި ހިނގި ހާދިސާ އޭނާ ފާހަަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ގޭސް ލީކުގެ ހާދިސާތަކުގައި ގޭސްފުޅީގެ ތުނބުން ލީކުވުމާ ގޭސް ރެގިއުލޭޓަރުންނާއި ފުޅީގެ ތިރިން ލީކުވާކަން ފާހަގަ ކުރެވުނު ކަމަށް ޒުހޫރު ވިދާޅުވި އެވެ. އަދި ގޭތެރޭގައި ގޭހުގެ ވަހެއް ދުވާ ނަމަ ސްވިޗުތައް ނުޖެއްސުމަށާއި، ގެއިން ނުކުންނަ އިރު ސްވިޗު އޮފް ކޮށްފައި ގޭގައި ތަޅުލާފައި ދާން ޒުހޫރު ވަނީ އިލްތިމާސް ކުރައްވާފައެވެ.