އެއްފަހަރު ބޭނުންކުރުމަށް އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ޙަރަކާތުގެ ދަށުން މާލޭ ސިޓީ ކައުންސިލް އަށް ރީޔޫސެބަލް ފެންފުޅި، އެންވަޔަރަމެންޓް މިނިސްޓްރީ އިން ހަދިޔާކޮށްފި އެވެ.
އެގޮތުން އިއްޔެ އެ މިނިސްޓްރީ އިން ވަނީ ގިނަފަހަރު ބޭނުންކުރެވޭ، ތިމާވެއްޓާއި ރައްޓެހި 100 ފެންފުޅި މާލޭ ސިޓީ ކައުންސިލަށް ހަދިޔާކޮށްފައެވެ.
އެ ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ދެއްކެވި ވާހަކަފުޅުގައި ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަކީ ކަނޑުގެ ދިރުމަށް ގެއްލުން ހުރި އެއްޗެއްކަން ފާހަގަކުރައްވައިފަ އެވެ. އަދި ރާއްޖޭގައި އުފައްދާ ކުނީގެ ތެރޭގައި ގިނަ އަދަދަކަށް ސިންގަލް ޔޫސް ޕްލާސްޓިކް ހުންނަކަމުގައި ވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ހުރިހާ ބާވަތެއް ފޭސް އައުޓް ޕްލޭނެއްގެ ދަށުން ހުއްޓުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، މި އަހަރުގެ ތެރޭގައި އެކަން ފެނިގެންދާނެ ކަމަށެވެ.
ސަރުކާރުގެ ބައެއް މުއައްސަސާތަކާއި އިދާރާތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ވަނީ މިހާރު ހުއްޓާލާފައެވެ.
އެންވަޔަރަމެންޓް މިނިސްޓްރީ އިން ވަނީ އަންނަ އަހަރު ގްރޭޑް އެކެއްގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ހިލޭ ރީޔޫސެބަލް ޕްލާސްޓިކް ފެންފުޅި ދިނުމަށް ވެސް ނިންމާފައެވެ.