އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ލާނިންގ ކެމްޕަސް އެއް ފުވައްމުލަކު ސިޓީގައި ޤާއިމްކުރުމަށްޓަކައި، ފުވައްމުލަކު ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ އަލްއުސްތާޛާ އާއިޝަތު ޚަލީލާ އަބްދުއްސައްތާރު އެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ މޭޔަރ އަބްދުﷲ ފަލާހު ޝަރީފް އެވެ.
އައިއެމްޔޫ އިން ބުނާ ގޮތުގައި މި ލާނިންގ ސެންޓަރ ޤާއިމްކުރުމުގެ މަޤްސަދަކީ އެ ޔުނިވާސިޓީގެ މައި ކެމްޕަސް (މާލޭ ކެމްޕަސް)ގައި ހިންގާ ތަފާތު އެކިއެކި ޕްރޮގްރާމްތައް ފުވައްމުލަކުގެ ރައްޔިތުންނަށް ވެސް ފޯރުކޮށްދިނުން ކަމަށެވެ.
އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ ފަސް ލާނިންގ ސެންޓަރ ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށްވެސް އައިޔޫއެމް އިން ބުނެއެވެ. އެގޮތުން ފުވައްމުލަކުގެ އިތުރުން އަންނަ އަހަރު ގދ .ތިނަދޫ، ޅ. ނައިފަރު، ހދ. ކުޅުދުއްފުށި އަދި ލ. ފޮނަދޫގައި ވެސް އެ ޔުނިވާސިޓީގެ ލާނިންގ ސެންޓަރުތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޔޫއެމްގެ ވައިސް ޗާންސެލަރ ޚަލީލާ ވިދާޅުވީ ފުވައްމުލަކުގައި ގާއިމުކުރަނީ އެރަށު ކައުންސިލުން ފޯރުކޮށްދީފައިވާ އިމާރާތެއްގައި ކަމަށާއި، އިމާރާތުގައި ގެންނަންޖެހޭ މަރާމާތެއް ގެނައުމަށްފަހު ކޯސްތައް އިއުލާންކުރާނެ ކަމަށެވެ.
އަދި މުސްތަޤުބަލުގައި ފުވައްމުލަކުގައި އައިޔޫއެމްގެ މައި ކެމްޕަހެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ޚަލީލާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު ފަލާހް ވިދާޅުވީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މިފަދަ ފުރުސަތުތަކެއް ލިބެން ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ތައުލީމީ ހަޔާތް ފުރިހަމަކުރަން އެންމެ ރަނގަޅު އެއް ރަށަކަށް ފުވައްމުލަކު ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.