މިދިޔަ އަހަރު އޯ ލެވެލް އިމްތިޙާނުގައި މުޅި ދުނިޔެ އިން 1 ވަނަ ހޯދި ދަރިވަރުންނަށް ރައީސް ދެއްވާ މެޑެލް، އަންނަ ހޯމަ ދުވަހުގެ ރޭ ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މި މެޑެލްތައް ދެއްވާނީ މި އަހަރު ސާނަވީ އިމްތިޙާނުން އެކި ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށްށް އެރޭ 9:00 ޖަހާ އިރު ދަރުބާރުގޭގައި ބާއްވާ ޖަލްސާގައި ރައީސް ޑރ. މުޙަންމަދު ވަޙީދެވެ. މެޑެއް ޔާއެކު ރައީސް ދެއްވާ އިނާމާއި ހަނދާނީ ލިޔުންވެސް، މި ރަސްމިއްޔާތުގައި އެކުދިންނަށް ދެއް ވާނެ އެވެ.
މިއަހަރު މުޅި ދުނިޔެއިން އެކި މާއްދާތަކުން 5 ދަރިވަރުން 1 ވަނަ ޙާޞިލުކޮށްފައިވެ އެވެ.
އޯ ލެވެލް އިމްތިޙާނުގައި، އެކި މާއްދާތަކުން މުޅި ދުނިޔެ އިން 1 ވަނަ ހޯދާ ދަރިވަރުންނަށާއި އަދި އޭ ލެވެލް އިމްތިޙާނުގައި މުޅި ދުނިޔެ އިން 1 ވަނަ ހޯދާ ދަރިވަރުންނަށް މިއަހަރުން ފެށިގެން ރައީސްގެ މެޑެލްގެ ނަމުގައި ޚާއްޞަ މެޑެލެއް ދެއްވުމަށް ނިންމެވިކަން ރައީސް އިޢުލާނު ކުރެއްވީ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި، ތަޢުލީމީ ދާއިރާއިން ވޭތުވެ ދިޔަ އަހަރު ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އޯ ލެވެލް އިމްތިޙާނުގައި މިހާތަނަށް ތަޖުރިބާ ކުރެވުނު އެންމެބޮޑު ކުރިއެރުން ހޯދާފައި ވަނީ މިދިޔަ އަހަރުކަން ފާހަގަ ކުރައްވައި، ސަރުކާރުގެ އަމާޒަކީ، މިފަދަ ހުނަރުވެރި ދަރިވަރުންނަށް މަގުފަހިކޮށް ދެއްވުން ކަމުގައި ވިދާޅުވި އެވެ.