"ދޭތިން ފަހެތި" ކެމްޕެއިންގެ 12 ވަނަ ޕްރޮގްރާމް ވަރަށް ފޯރީގައި އައްޑޫގައި ކުރިއަށް ދާކަމަށް އެމްޑީޕީ އައްޑޫ ސިޓީގެ ރައިސް އަޙުމަދް އަދުހަމް ވިދާޅުވެއްޖެ އެވެ.
މި މަހުގެ މޭ 23-26 އަށް ކުރިއަގެންދާ މި ޕްރޮގްރާމްގައި މައިގަނޑު މަސައްކަތެއްގެ ގޮތުގައި ކުރިޔަށް ގެންދަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ މަޝްވަރާ ބައްދަލުވުންތަކެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އަށް ކެމްޕެއިން ކުރަން ފެށި ފަހުން މިހާރު އައްޑޫ ސިޓީގައި މި ގެންދެވެނީ ހަފްތާ ބަންދުގެ 12 ވަނަ ޕްރޮގްރާމް ކަމަށް އަދްހަމް ވިދާޅުވި އެވެ.
އައްޑޫ ސިޓީގައި މިހާރު ކުރިޔަށް ދާ ދޭތިން ފަހެތި ކެމްޕެއިންގެ ޕްރޮގްރާމްގައި އައްޑޫ ސިޓީގަ ކެމްޕެއިން ހަރަކާތް ފެށި ފަހުން ކުރެވުނު މަސައްކަތްތަކަށް ބަލާ އަދި ކެމްޕެއިންގެ ހަރަކާތް އިތުރަށް ގެންދާނެ ގޮތުގެ މަޝްވަރާ ބައްދަލުވުންތައް ކުރިޔަށް ގެންދެވޭނެ އެވެ.
މިގޮތުން ހުރިހާ ދާއިރާއެއްގެ ކެމްޕެއިން އެޖެންޓުންނާއި ޕެޗް އޭޖެންޓުންނާއި، ފަންޑް ރެއިޒިން ކޮމިޓީތަކާއި އަދި ކުދި ކޮމިޓީ ތަކުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންދާ ކަމަށް އަދްހަމް ވިދާޅުވި އެވެ.
ވަކި ވަކި ދާއިރާތަކުގައި ބާއްވަމުން ގެންދާ މި ބައްދަލުވުންތަކުގައި މިއަދާ ހިސާބަށް ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައިވާ ދާއިރާތަކަކީ، މަރަދޫ ދާއިރާ، ފޭދޫ ދާއިރާ، ހިތަދޫ ދެކުނު ދާއިރާ، ހިތަދޫ މެދު ދާއިރާ، އަދި މީގެ އިތުރުން މިއަދު ހުޅުމީދޫ އާއި، ހިތަދޫ އުތުރު ދާއިރާގެ ބައްދަލުވުންތައް ކުރިޔަށް ގެންދާ ގޮތަށް ޕްރޮގްރާމްތައް ވަނީ ރޭވިފައިކަމުގައި އަދްހަމް ވިދާޅުވި އެވެ.
މިއަދު މުޅި ރާއްޖޭގައި އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާ ވެސް އައްޑޫގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.