ޖެހިބާރު ގުގުރިއަކާއެކު އާއިންއަށް ޚިޔާލީ ދުނިޔެއިން ނުކުމެވުނެވެ. އޭނާ އިތުރަށް ބެލްކަނީގައި މަޑުނުކޮށް ކޮޓަރިތެރެއަށް ވަނެވެ. އެނދުގައި އޮށޯވެ ގަޑިބަލާލިއިރު މެންދަމުން އަލިވެ ދެއެއްވެސް ޖަހައިފިއެވެ. އިތުރަށް ނިދާކަށް އޭނާ ގަސްތެއް ނުކުރިއެވެ. އެހެންކަމުން އޭނާ ކޮޓަރިން ނުކުތީ ކޮފީއެއް ބޯލުމަށެވެ. އޭނާ ބަދިބަޔަށް ގޮސް ކޮފީއެއް ހަދައިގެން އައިސް ސިޓިންރޫމުގައި އިށީނެވެ. ކުއްލިއަކަށް އޭނާ ސިހުނީ ދޮރެއް ހުޅުވާލި އަޑުއިވުމުންނެވެ. އޭނާ ފަހަތްބަލާލިއިރު އައިރާ ކޮޓަރިން ނުކުންނަނީއެވެ.
" އައިރާ!…ކިހިނެއްވީ؟.." ބަދިގެބަޔަށް މިސްރާބުޖެހި އައިރާ ސިހުނީ އާއިންގެ އަޑުންނެވެ.
" ބަނޑުހައިވެގެން…" ހުއްޓިލާފައި އައިރާ ޖަވާބުދިނެވެ.
" މިހުރިހާއިރު ނުނިދާ ކީއްކުރީ؟…ފިލްމު ބަލަނީތަ؟.." އާއިން އަހާލިއެވެ.
" ނޫން…ހަވީރު ނިދީމަ…ނިދިނައިސްގެން ވާހަކައެއް ކިޔަން އޮތީ…" ޖެހިލުންވެހުރެ އައިރާ ޖަވާބުދިނެވެ.
" އެހެންދޯ…ހިނގާ އެއްޗެއް ހަދާލަމާ…ދޮންބެވެސް ވަރަށް ބަނޑުހައި…" ސޯފައިން ތެދުވަމުން އާއިން ބުނެލިއެވެ.
އާއިން އެހާގާތްކޮށް ވާހަކަދެއްކުމުން އައިރާ ހުރީ ހައިރާންވެފައެވެ. އާއިން އޭނާއާ ވާހަކަދައްކަނީ މަދު ފަހަރަކުއެވެ. ގިނަފަހަރަށް ފެނުނަސް އެއްޗެއް ނުބުނެއެވެ. އެހެންކަމުން ހަމަ ކުއްލިއަކަށް އެހާގާތްކޮށް ވާހަކަދެއްކުމުން އޭނާ ޖެހިލުންވެސް ވިއެވެ. އާއިން ބިސްގަނޑެއް އަޅާލުމަށްފަހު ޗީޒްލައިގެން ދެތިން ސޭންޑްވިޗް ހަދާލިއެވެ.
" ދޮންބެއަކަށް އެހާމީރުކޮށް އެއްޗެހި ހަދާކަށް ނޭނގޭނެ…އެކަމު ހީވަނީ ކާންކެރޭނެހެން…" އައިރާއަށް ސޭންޑްވިޗެއް ދިއްކޮށްލަމުން ހީލާފައި އާއިން ބުންޏެވެ.
" ތޭންކްސް…" އައިރާ އޭގައި ހިފަމުން މަޑުމަޑުން ބުންޏެވެ.
ދެމީހުން ކާންތިބިއިރު، އާއިން ވިސްނަމުން ދިޔައެވެ. މިހުރިހާ ދުވަހު އޭނާ އަމިއްލަ ކޮއްކޮއާމެދު ފަރުވާކުޑަކޮށް، ހުރިހާ ލޯތްބަކާއި އަޅާލުމެއްދިނީ ޝައުންއަށެވެ. އާޚިރުގައި އޭގެ ނަތީޖާވެސް ވަރަށް ހިއްޗެވެ. އޭގެ ބަދަލުގައި އޭނާގެ ކޮއްކޮއަށް އަޅާލުން ދެވުނުނަމަ، ކޮއްކޮ އޭނާއާމެދު ހިތްހެޔޮވީހެވެ. އަދި ޝައުން ފަދައިން އޭނާގެ ލޯތްބާއިމެދު ޝައްކެއް ނުކުރީހެވެ. ކުރިޔަށް އޮތްތާނގައި އޭނާ ޝައުންއާ ދުރުހެލިވާނެއެވެ. ކޮންމެގޮތެއް ވިޔަސް އެއީ އޭނާއަށް ހިލޭ އަންހެނެކެވެ. އެރޭ އެފަދަ ނުބައިކަމަކަށް މަގުފަހިވީވެސް އެސަބަބާހުރެއެވެ.
އިސްލާމުދީނުގައި އަންހެނުންނާއި ފިރިހެނުންގެ ގުޅުންތައް ވަކި އިމެއްގެ ތެރޭގައި ބެހެއްޓުމަށް ގަދައަޅާފައިވަނީ ކީއްވެގެންކަންވެސް މިއަދު އޭނާއަށް ވިސްނިއްޖެއެވެ. ހަލާލުނޫން ގޮތެއްގައި އެއްވެސް އަންހެނަކު ދެކެ ލޯބިވުމަކީ ފާފައެކެވެ. ހެޔޮވިސްނުން ނުލިބޭއިރު އޭނާއަށް ކުރެވުނު ފާފައަށް އޭނާއެވަނީ ތައުބާވެފައެވެ. ނަމަވެސް އުމުރަށްވެސް އޭނާ އެކަމާ އެހިތާމަކުރާނެއެވެ.
" ތެދެއް ދޮންބެ މެރީކުރަނީތަ؟.." ޖެހިލުންވެ އިނދެ އައިރާ އަހާލިއެވެ.
" ހޫމް…ބައްޕަތަ ބުނީ؟…" ހިނިތުންވަމުން އާއިން އަހާލިއެވެ.
" ހޫމް… ދޮންބެ ނުބުނާނަމެއްނު އަހެރެންގާތުގައެއް…." ދެރަވެލާފައި އައިރާ ބުންޏެވެ.
" ނޫނޭ…ވަގުތެއް ނުވެގެން….އެހެންނޫނަސް ދޮންބެ ހީކުރީ މާޒް ބުނާނެކަމަށް…" އައިރާ ރަކިކޮށްލުމަށްޓަކައި ގަސްތުގައި އާއިން ބުނެލިއެވެ. އެވަގުތު އައިރާ ސިހުނީ ވައްކަމެއް ކުރަނިކޮށް ފަޅާއެރުމުން ސިހޭފަދައަކުންނެވެ.
" މާޒް ނުބުނޭދޯ އެހެންވީމަ….އަންނަމަހު މެރީކުރާނަން….ނާޒް ބޭނުމެއްނުވޭ އެހާބޮޑު ހަފްލާއެއް ބާއްވާކަށް….އެހެންވީމަ އެހާގިނަ ދުވަހެއް ބޭނުމެއް ނުވާނެއްނު….ދޮންބެގެ ކައިވެންޏަށްފަހު ދެން އޮންނާނީ އައިރާގެ ކައިވެއްޏެއްނު….އެދުވަހަކުން ހަމަގައިމުވެސް ވަރަށް ބޮޑު ހަފްލާއެއް ދޮންބެ ބާއްވާނަން…" އާއިން އުފާވެލާފައި ބުނުމުން އައިރާވެސް ހީލިއެވެ.
" ދޮންބެއަށް އެނގޭ ވޭތުވެ ދިޔަތާނގަ އުޅެވުނީ އައިރާއާ ވަރަށް ދުރުންކަން…އެކަމު މީގެފަހުން އެގޮތަކަށް ކަންތަކެއް ނުކުރާނަން….އައިރާވެސް ދޮންބެއާ ދުރުދުރުން ނޫޅެ ކަންކަން ހިއްސާކުރަންވާނެ…އޭރުން ދޮންބެއަށް އެނގޭނީ ކަމެއްބޭނުންވިޔަސް އެހީތެރިވާންވެސް…" އެދެމެދުގައިވާ ދުރުކަން ނެތިކޮށްލުމަށް އާއިން ބޭނުންވިއެވެ.
ދެކުދިން އެގޮތުގައި ފަތިސްވާންދެން ވާހަކަދައްކަން ތިއްބެވެ. އެތައް ދުވަހަކަށްފަހު އައިރާއަށް އޭނަގެ ދޮންބެގެ ފަރާތުން ގާތްކަމާއި އެކުވެރިކަން އިހުސާސްކުރެވުނެވެ. މިހުރިހާ ދުވަހު ހިތުގައި އުފެދިފައިވާ ޝަކުވާތަކާއި ކިލަނބުކަންވެސް އިސާހުތަކު ފިލައިގެން ހިނގައްޖެއެވެ. މިހާރު އޭނާއެހުރީ ނުހަނު އުފާވެފައެވެ. ލޭގެ ގުޅުމަކީ އެފަދަ ވަރުގަދަ ގުޅުމެކެވެ.
ޝައުންގެ ހާލަކީތޯއެވެ. ފަތިސްވާންދެން އޭނާވެސް އޮތީ ހޭލައެވެ. އާއިންގެ ޚިޔާލުތައް އޭނާގެ ހިތަށް އުނދަގޫ ކުރަނީއެވެ. ޚާއްސަކޮށް މިރޭ މާބޮޑަށް އެހަނދާންތައް އާވެއްޖެއެވެ. އެރޭ އާއިން ލައިގެން އުޅުނު ޓީޝާޓް އަދިވެސް އޭނާގެ އަތުގައި އެއޮތްގޮތަށް އެބައޮތެވެ. އޭގައި އަދިވެސް އާއިންގެ ގައިންދުވި މީރުވަސް ހަރުލާފައި އެބަހުއްޓެވެ. ނަމަވެސް މިއަދު އޭނާގެ އަތުގައިވަނީ އާއިންގެ ހަނދާންތައް އެކަންޏެވެ. އާއިން އެވަނީ އެހެންމީހެއްގެ ހައްޤަކަށްވުމުގެ މަގުމަތީގައެވެ. ކައިވެންޏަށްފަހު، މުޅި އުމުރަށް އާއިން އޭނާއާ ދުރަށްދާނެއެވެ. ނޫނެކެވެ. ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. އާއިންއަކީ ކުޑައިރުއްސުރެ އޭނާގެ ހައްޤެކެވެ. ހަމައެކަނި އޭނާގެ މީހެކެވެ. އެއީ އޭނާގެ އަލަތު ލޯތްބެވެ. އެނޫން މީހަކު އޭނާ ބޭނުމެއް ނޫނެވެ. އޭނާގެ ލޯތްބަށް މުޅިދުނިޔެ މަލާމާތްކުރި ނަމަވެސް އޭނާގެ ފަރުވާލެއްނެތެވެ.
ޝައުން އައިފަހުން، އިޒްޔަންގެ ގެޔަށް ދިއުން އާއިން މަދުކުރީ އޮފީސްގެ ކަންތަކާއި ކައިވެނީގެ ކަންތަކުގައި އުޅޭލެއް ބުރަކަމުން ކަމުގައި ބުނެއެވެ. ނަމަވެސް އަސްލު ސަބަބަކީ ކޮބައިކަން ޝައުންއަށް އެނގެއެވެ. އާއިން އޭނާގެ ކުރިމައްޗަށް އަރަން ބޭނުން ނުވަނީއެވެ. އަދިވެސް އޭނާއާ ދުރުގައި އުޅެން ބޭނުންވަނީއެވެ. އޭނާ ފެންނަ ހިސާބަށްވެސް އަންނަން ބޭނުން ނުވަނީއެވެ.
ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔަވަރަކަށް އާއިންއާއި ޝައުންގެ މެދުގައި ލެވިފައިވާ ބީރައްޓެހިކަމުގެ ފާރުދިޔައީ ބޯވަމުންނެވެ.
އަނެއްކޮޅުން ފަރަހަނާޒް ފެންނަ ކޮންމެ ފަހަރަކު ޝައުންގެ ހިތުގައި ހަސަދައިގެ އޮޔެވަރެއް ހިނގާލައެވެ. އެންމެ ފުރަތަމަ ފަރަހަނާޒް ފެނުނު ދުވަހު ޝައުން ހައިރާންވެސް ވިއެވެ. އޭނާފަދަ ތަޢުލީމީ ރީތި ކުއްޖަކު އާއިންދެކެ އެހާލޯބިވާއިރުވެސް، ފަރަހަނާޒްފަދަ އާދައިގެ ކުއްޖަކަށް އާއިންގެ ހިތުން ޖާގައެއް ދިނީތީއެވެ. އޭނާގެ ނަޒަރުގައި އާއިންގެ ޙަޔާތުގެ ބައިވެރިއަކަށްވުމަށް އެއްގޮތަކަށްވެސް ފަރަހަނާޒް ނުގުޅެއެވެ. އާއިންއާ ގުޅޭނީ އޭނާފަދަ އާއިންއާ ހުރިހާ ގޮތަކުންވެސް އެއް ފެންވަރުގެ ކުއްޖެކެވެ. އޭނާއާ އަޅާބަލާއިރު ފަރަހަނާޒްގެ ހުރީ ކޮން ފެންވަރެއް ހެއްޔެވެ؟ ފަރަހަނާޒްއާމެދު ވިސްނި ވިސްނިހެން އޭނާގެ ހިތުގައިވާ ރުޅިވެރިކަމާއި ހަސަދަވެރިކަން ދިޔައީ އިތުރުވަމުންނެވެ. އަދި އޭނާ އެންމެ ރުޅިއަންނަނީ އޭނާގެ ދޮންބެއާއި ދޮންބެ ދައްތަވެސް އެކުއްޖާއާ އެހާގަޔާވާތީއެވެ. އެކުއްޖާގެ ފަރާތުން އެމީހުނަށް ފެންނަނީފަހެ ކޮންކަމެއްބާއޭ އޭނާގެ ހިތަށްއެރިއެވެ.
އާއިންގެ ދުރުހިލޭ ކަމުގެ ސަބަބުން ދުވަހެއް ދުވަހަކަށް ޝައުންގެ މިޖާޒް ދިޔައީ ގޯސްވަމުންދިޔައެވެ. ކުރީގައި އަބަދު އުފާވެފައި ހުންނަން ކުއްޖާ މުޅިން މަޑުމޮޅި ވެއްޖެއެވެ. އަބަދުވެސް ހުންނަނީ ކަމަކާ މާޔޫސްވެފައި ހުންނަހެން ބަސްމަދުވެފައެވެ. އެކަމާ އިޒްޔަންއާ އުޝާވެސް ވަރަށް ސުވާލުކުރިއެވެ. ނަމަވެސް އެދެވޭ ޖަވާބެއް ނުލިބުނެވެ.
" ޝައުން…ދޮންބެއަށް ހީވަނީ ޝައުން މިތާއެކަނި ހުންނަން ޖެހޭތީ މާބޮޑަށް ފޫހިވަނީހެން….އައިރާ ކައިރިއަށް މާލެދާންވީނު….އޭރުން ފޫހިފިލާނެންނު….އެހެންނޫނަސް ޝައުންގެ ބެސްޓްބަޑީ އާންވެސް ފެންނާނެއްނު…" އެއްދުވަހު އިޒްޔަން ބުނެލިއެވެ.
ތެދެކެވެ. އާއިން އޭނާ ފެންނަ ހިސާބަށް ނާންނަ ނަމަ އޭނާއަށް ދެވިދާނެ ނޫން ހެއްޔެވެ؟ ޝައުން އޭނާގެ ހިތުތެރޭގައި ރޭވުމެއް ރާވައިގެން ހުރެ މާލެ ދިޔައެވެ. އައިރާއާއި އޭނާއާ މާބޮޑު ގާތްކަމެއް ނެތްނަމަވެސް އޭނާގެ މަގުސަދު ހާސިލް ކުރުމަށްޓަކައި އައިރާއާ ގުޅުން ބަދަހިކުރަން އޭނާ ނިންމިއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް އޭނާ އާއިންމެންގެ ގެޔަށް ދެއެވެ. އެތައް ވަގުތެއް އައިރާއާއެކުގައި ހޭދަކުރެއެވެ. އައިރާއަކީ ހިތްހެޔޮ ކުއްޖަކަށްވީތީ ވަރަށް އަވަހަށް ޝައުންއާ ގުޅުން ބަދަހިވެއްޖެއެވެ. އާއިން ގިނަވަގުތު އޮފީހުގައި ހޭދަކުރުމަށްފަހު ވަރުބަލިވެގެން ގެޔަށް އައިސް ކޮޓަރިއަށް ވަންނަގޮތަށް، ދެން އޭނާ ނުކުންނަނީ މަޣުރިބްނަމާދަށް ދިއުމަށްޓަކައެވެ. އެހެންކަމުން ޝައުންއަށް ފަސޭހަކާއެކު އާއިންއާ ދިމާވާގޮތެއް ނުވެއެވެ. ވުމާއެކު ޝައުން ބޭނުންވީ އަދިވެސް ގިނަ ވަގުތު އާއިންގެ ގޭގައި ހޭދަކުރުމަށެވެ. އެކަން ހާސިލްކުރުމަށްޓަކައި އޭނާ ބައެއްރޭރޭ ކޮންމެވެސް ބަހަނާއެއް ދައްކައިގެން އައިރާގެ ކޮޓަރީގައި ނިދަންވެސް ފެށިއެވެ.
ޝައުންއާ ފިލައިގެން އުޅޭނަމޭ ހިތައި އުޅުނު ނަމަވެސް އާއިންނަށް ކޮންމެ ދުވަހަކުވެސް އޭނާގެ ގެއިން ޝައުން ފެންނަން ފެށިއެވެ. އައިރާއާއެކުގައި ކޮންމެވެސް ކަމެއްގައި ޝައުން ނޫޅޭއިރެއް އޭނާއަކަށް ނުފެނެއެވެ. އައިރާގެ ކޮޓަރިން، ސިޓިންރޫމުން އަދި ބަދިގެއިންވެސް ޝައުން ފެންނަން ފެށިއެވެ. ގޭތެރޭގެ ކަންކަމުގައި ޒާހިދާއަށް އަތްގާތް ކޮށްދިނުމުގައިވެސް ޝައުން އުޅެއެވެ. ކަމުގެ ހަޤީޤަތް ނޭނގިތިބެ އައިރާއާއި ޒާހިދާ ޝައުންއަށް ތަޢުރީފު ކުރަމުން ދިޔައެވެ. ނަމަވެސް ތަޢުރީފުގެ ކުޑަނަމަވެސް ބަހެއްނުލިބެނީ އާއިންގެ ފަރާތުންނެވެ.
އެންމެފަހުން ޝައުންގެ ކެތްތެރިކަން ކޮޅުން ލިއެވެ. އެއްރެއްގެ މެންދަމު ވަގުތު ޝައުން އާއިންއަށް މެސެޖްކުރިއެވެ. އެރެއަކީވެސް އޭނާ އާއިންމެންގެ ގޭގައި މަޑުކުރި ރެއެކެވެ.
" އަހަރެންނަށް ދެން އިތުރަކަށް ކެތެއްނުވާނެ އާން…އާން ބޭނުންވަނީ އަހަރެންނާ ދުރަށްދާކަށްނު…މިރޭ މިވަގުތު އަހަރެން މުޅިއުމުރަށް އާންއާ ދުރަށްދާނަން…އަހަރެން މަރުވުމަށްފަހު އާން ނުރޯތި…" ވައިބަރއިން އާއިންގެ ފޯނަށް މެސެޖެއް އައުމުން އޭނާބަލާލިއިރު އެއީ ޝައުންގެ މެސެޖެކެވެ. ޝައުން އޭނާގެ އަތުގައި ވަޅިޖައްސައިގެންހުރެ ނަގާފައިވާ ފޮޓޯއެއްވެސް ފޮނުވާފައި އޮތެވެ. އާއިން ވަގުތުން ޝައުންއަށް ގުޅިއެވެ. ނަމަވެސް ޝައުން ފޯނެއް ނުނެގިއެވެ. އާއިން ދުވެފައި ކޮޓަރިން ނުކުމެ ބަދިގެބަޔަށް ވަތްއިރު، އަތުގައި ވަޅިޖައްސައިގެން ޝައުން ހުއްޓެވެ.
" އަހަރެން މަރުވާތަން އަމިއްލަ ލޮލުން ދެކެންތަ ތިއައީ؟…" އާއިން އައިސް ވަނުމުން ޝައުން ބުނެލިއެވެ. އޭރު ރޮއެ އޮރެ ޝައުންގެ ދެލޯހުރީ ދުޅަވެފައެވެ.
" ޝައުން….މޮޔަނުވޭ….ވަޅި ބާއްވާ!…" ޝައުން އެފަދަ ކަމެއް ކޮށްފާނެކަން އާއިންއަށް ޔަޤީންވާތީ ބިރުންހުރެ އާއިން ބުނެލިއެވެ.
ތަންކޮޅެއް ކުޑައިރުވެސް އާއިން ކަމަކާ ހިތްހަމަ ނުޖެހިގެން ނުކައި ހުރުމުން ދެދުވަސްވާންދެން ޝައުންވެސް ނުކައިހުއްޓެވެ. އެންމެފަހުން އޭނާބަލިވިއެވެ.
" އަހަރެން މަރުވީމަ އާން މެރީކޮށްގެން އުފަލުގާ އުޅެބަލަ!…" ރޮމުން ރޮމުން ޝައުން ބުންޏެވެ.
" ޝައުން…ވަޅިބާއްވާފަ ވާހަކަދައްކާ އަހަރެން އަޑުއަހާނަމޭ…ޕްލީޒް.." އާއިން އާދޭސްކުރުމުން ޝައުން ވަޅިބޭއްވިއެވެ. އެއާއެކު އާއިން ޝައުންގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
" ޝައުން…ތީ މީހުން އުޅޭގޮތެއް ނޫނެއްނު…ތީމިހާރު ކުޑަކުއްޖެއްނޫނޭ…އަމިއްލައަށް މަރުވުމަކީ ކިޔާނުބައި ކަމެއްކަން ނޭނގޭތަ؟…ސީދާ ނަރަކައަށްދާންތަ ބޭނުމީ؟…ބުނެބަލަ! " އާއިންހުރީ ހިތްހަމަނުޖެހިފައެވެ.
"އާންއެއްނު ބޭނުންވަނީ އަހަރެން މަރުވާން… އަހަރެން މިގެޔަށް އައިސް އުޅޭތީ ހިތްހަމަ ނުޖެހިގެންނު މިހާރު ގެޔަށް ނުވަންނަނީ….ކިހާ ދުވަހެއްވާންދެންތަ އަހަރެންނަށް އެރޭގަ ކުށަށް އަދަބުދޭނީ؟….ވިހި އަހަރުވާންދެން އެހާގާތްކޮށް އުޅެފަ މިހާރު އެނގޭކަމަށްވެސް ހަދާނުލާ ހުންނަން އާންއަށް ހާދަ ފަސޭހައޭދޯ! ހަމަ ކުރެވުނު ކުޑަކުޑަ ކަމެއްގެ ސަބަބުން އެހުރިހާ ދުވަހު ދެމެހެއްޓި އެކުވެރިކަމާ ތިމާގެކަންވެސް ހަނދާން ނައްތާލީތަ؟…" ރޮމުން ރޮމުން ޝައުން ޝަކުވާކުރިއެވެ.
ޝައުން ހިތުގައި ޖެހިގެން ރޯމަންޒަރު ބަލާކަށް އާއިން އަކަށްވެސް ފަސޭހައެއް ނޫނެވެ. ޝައުންގެ ހަނދާންތަކާ ދުރަށްދާން އޭނާއަކަށްވެސް ފަސޭހަކަމެއް ނޫނެވެ. އެއީ އެއްދުވަހު ދެދުވަހުގެ ގުޅުމެއްނޫނެވެ. އެއީ ޒަމާނުއްސުރެ އެދެމެދުގައިވާ ގުޅުމެކެވެ. ތިމާގެ ކަމުގެ ގުޅުމެވެ. އެކުވެރިކަމުގެ ގުޅުމެވެ. ވީއިރު އެއީ އޭނާއަށް ވަކީން ހަނދާން ނައްތާލަން ފަސޭހަ ކަމެއް ހެއްޔެވެ؟ ޝައުންއާ ދުރުގައި އޭނާ އުޅެނީ ޝައުންއަށް ނަފްރަތު ކުރާތީކީ ނޫނެވެ. ނަމަވެސް މާޒީ ތަކުރާރުވާން އޭނާ ބޭނުން ނުވަނީއެވެ.
" އަހަރެން އެއްކަމެއްވެސް ހަނދާނެއް ނުނެތެއޭ ޝައުން….އެކަމު މާޒީ ތަކުރާރުވާކަށް އަހަރެން ނޭދެން…" އާއިން އޭނާގެ ހިތުގައިވާގޮތަށް ސާފުކޮށް ބުންޏެވެ.
" މާޒީ؟…އާން މާޒީ ތިމާނަ ކުރަނީ އެރޭގެ އެމަދު މިނުޓްކޮޅު ތެރޭގަ ހިނގި ކުޑަކުޑަ ކަމަކަށްތަ؟….ބާކީ ވިހިއަހަރު ދުވަހު ހިނގި ހުރިހާކަމެއް ހަނދާން ނެތުނީތަ؟…ބުނެބަލަ! އެއީ އެއްވެސް މާނައެއްނެތް ވިހި އަހަރުތަ؟…" އާއިންގެ އަތުގައި ހިފާލަމުން ޝައުން ބުންޏެވެ.
" ނޫން…އަހަރެން މިބުނީ….އެރޭ ހިނގިފަދަ ކަމެއް ހިނގަން ބޭނުން ނުވާ ވާހަކަ…..ހަމައެކަނި އެމަދު މިނުޓްކޮޅު ހަނދާން ނައްތާލާފަ ކުރިއެކޭ އެއްގޮތަށް ޝައުންއަށް އުޅެވިދާނެތަ؟…އެހެންކަމަށްވާނަމަ އަހަރެންމިހުރީ އުޅެން ތައްޔާރަށް….ބުނެބަލަ! " ޝައުންއާ ހަތަރުކަޅި ހަމަކޮށްލަމުން އާއިން އަހާލިއެވެ.
ޝައުން ވިސްނާލިއެވެ. އެރޭގެ އެވަގުތުކޮޅު ދުވަހަކުވެސް އޭނާގެ ހިތުން ފުހެވިގެން ނުދިޔަ ނަމަވެސް، އާނއެކޭ ބުނެފިނަމަ އަލުން އާއިންގެ ގާތްކަން އޭނާއަށް ލިބޭނެއެވެ. ވީއިރު އޭނާ ދެކޮޅު ހަދަންވީ ކީއްކުރަން ހެއްޔެވެ؟
" އަހަރެން ވަޢުދުވާން….އަހަރެން ދެން ދުވަހަކުވެސް އެވާހަކައެއް ނުދައްކާނަން….އެކަން ހަނދާންވެސް ނައްތާލާނަން….އެކަމު އާން ޕްލީޒް ކުރިން ވާހަކަދެއްކިހެން އަހަރެންނާ ވާހަކަދައްކާ މަޖާކޮށް އުޅެބަލަ!…މިގޮތަށް ބީރައްޓެހިންހެން އަހަރެންނަކަށް ނޫޅެވޭނެ….އަހަރެން މަރުވެދާނެ" އަސަރާއެކު ޝައުން ބުނެލުމުން އާއިންއަށް ބޭއިޚުތިޔާރުގައި ޝައުންގެ ތުންފަތުގައި އަތްޖައްސާލެވުނެވެ.
" މީގެފަހުން ދެން މަރުވާ ވާހަކަ ނުދައްކާތި!….އެކަހަލަ ވިޔާނުދާ ވާހަކަ ދައްކަންޏާ ދުވަހުވެސް ވާހަކަ ނުދައްކާނަން….އަމިއްލައަށް މަރުވާމީހުންނަށް ހީވާ ކަހަލަ މަރުވީމަ އެނިމުނީއޭ….އެކަމު އެނގޭތަ އަމިއްލައަށް މަރުވާމީހުންނަށް ޤިޔާމަތާ ޖެހޭންދެންވެސް އަޒާބުލިބި ލިބި ހުންނާނީ….މަރުވީމަ ހިތަށްއަރާނެ މަރު ނުވެވުނު ނަމައޭ….ފުރާނައަކީ ﷲ ގެ ހައްޤެއް…އެއީ ﷲ ދެއްވާފައިވާ އެންމެ އަގުބޮޑު ނިޢުމަށް…އެނިޢުމަތް ބޭކާރުގޮތުގަ ނަގާލަން ދުވަހަކުވެސް ނުވިސްނާތި؟…ހީނުކުރާތި އަމިއްލާ ފުރާނަ ގެއްލުވާލައިގެން ދުނިޔެއިން ކަމެއް ހާސިލްވާނެކަމަށް…އޭރުން ދެދުނިޔެވެސް ގެއްލޭނީ…އެނގިއްޖެތަ؟" އާއިން ތަޤުރީރެއް ދިންފަދައެވެ. އާއިންގެ ވާހަކަތައް އަޑުއަހަންހުރި ޝައުންހުރީ އާޝޯޚުވެފައެވެ. އާއިންއަކީ މީގެކުރިން އެހައި މާނަހުރި ވާހަކަ ދައްކާމީހެއް ނޫނެވެ.
" އޯކޭ…ސޮރީ…ދެން އެހެން ނޫޅޭނަން…" ޝައުން އެއްބަސްވިއެވެ.
" ދެން ދޭނިދަން…އައިރާ ހޭލާއިރު ނެތިއްޔާ ކަމަކު ނުދާނެ…" އާއިން ސީރިއަސްކަމާއެކު ބުނުމުން ޝައުން އެކޮޓަރިން ނުކުތެވެ.
ހިތްނުތަނަވަސް ކުރުވި ދުވަސްތަކަކަށްފަހު އަނެއްކާވެސް އާއިންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވިއްޖެއެވެ. އާއިން ކުރިއެކޭ އެއްގޮތަށް ޝައުންއާ ވާހަކަދައްކާ އުޅެންފެށުމުން އޭނާގެ މިޒާޖު ހަމައަކަށް އެޅުނެވެ. އެހެންކަމުން އާއިންވެސް އަލުން އިޒްޔަންގެ ގެޔަށް ދާންފެށިއެވެ. ނަމަވެސް ކުރީގައި އެދެމެދުގައި އޮތްފަދަ ގާތްކަމެއް ނުބާއްވާ ވޭތޯ އާއިން މަސައްކަތްކުރިއެވެ.
ކައިވެނީގެ ދުވަސް ގާތްވަމުން ދިޔަވަރަކަށް ތައްޔާރީތައް ވަމުންދިޔައެވެ. ކައިވެނީގެ ހަފްލާ ބާއްވާނެ ގޮތަކާމެދު މަޝްވަރާތައް ކުރިޔަށްދާން ފެށިއެވެ. ހެދުމުގެ ކުލަޔާއި ޑިޒައިންވެސް ފާސްކުރިއެވެ. މިހުރިހާ ކަމެއްގައިވެސް އިސްނަގައިގެން އުޅެނީ އުޝާއާއި އިޒްޔަން އަދި މާޒެވެ. އެމީހުންގެ މަޝްވަރާތަކުގައި ދޭތެރެ ދޭތެރެއިން ޝައުންގެ ޚިޔާލުވެސް އަހައެވެ. އެފަދަ ވަގުތުތަކުގައި އޭނާވެސް ހިތުގައިވާ ރުޅިވެރިކަން ފޮރުވަމުން ކޮންމެވެސް އެއްޗެއް ބުނެލައެވެ. ތިމާ އެންމެ ލޯބިވާމީހާގެ ކައިވެނީގެ ވާހަކަ ދައްކަން ފަސޭހަވާނީ ފަހެ ކާކަށް ހެއްޔެވެ؟ އެފަދަ ވަގުތު ތަކުގައި އޭނާގެ ހިތަށް އެލިބޭ ތަކުލީފު އެނގެނީ ޚުދު އޭނާއަށެވެ.
އިޒްވާންގެ އިމްތިހާން ނިމުމުން އަޒީފާމެންވެސް މާލެ އަތުވެއްޖެއެވެ. އާއިންގެ ކައިވެނީގެ ޚަބަރު ލިބުމުން އެމީހުންވެސް ތިބީ އިންތިހާއަށް އުފާވެފައެވެ. އަޒީފާއަށް އިހުސާސްކުރެވެނީ އޭނާގެ އަމިއްލަ ދަރިއެއްގެ ކައިވެނިވާން އުޅޭކަމެވެ. ކައިވެންޏަށް ކުރަންޖެހޭ ކޮންމެ ތައްޔާރީއެއްކުރަން އޭނާވެސް ހުރީ އަތުކުރި އޮޅާލައިގެންނެވެ.
އާއިންގެ ކާވެނީގެ ހުރިހާ ޚަބަރެއް ތޫބާގެ ފަރާތުން ވަރަށް ތަފްސީލުކޮށް އަރްވިންއަށާއި އޭނާގެ މަންމައަށް ލިބެމުން ދިޔައެވެ. އެވާހަކަތައް އިވިފައި އަމީލާ އުފާވިނަމަވެސް ދަރިފުޅާ ބައްދަލުކުރާހިތުން އޭނާގެ ހިތް ތެޅިފޮޅެނީއެވެ. އާއިންގެ ކައިވެނީގެ ކުރިން ހަމަ އެންމެ ފަހަރަކު ނަމަވެސް ބައްދަލުކޮށްފައި ހެޔޮދުޢާއާ މުބާރިކްބާދީ ކިޔަން އޭނާ ބޭނުމެވެ. އެހެންކަމުން އަރްވިންގާތުގައި އެކަމަށް އޭނާ އާދޭސްކުރިއެވެ. މަންމަގެ އާދޭސްތަކުގެ ސަބަބުން އަރްވިންވެސް އާއިންއާ ބައްދަލުކުރަން ނިންމިއެވެ. ނަމަވެސް އެއީ އެހާ ފަސޭހަކަމެއް ނޫންކަންވެސް އޭނާއަށް އެނގެއެވެ. އެހެންކަމުން، އޭނާ ތޫބާގެ އަތުން ނަމްބަރު ހޯދައިގެން އިޒްޔަންއަށް ގުޅިއެވެ. އެއީ ދުވަހަކުވެސް އޭނާ ވާހަކަދައްކައި ގާތްކަމެއް ބޭއްވިމީހެއް ނޫންކަމުގައި ވިޔަސް މިއަދު އެނޫން ގޮތެއްނެތެވެ. އިޒްޔަންއަށް އަރްވިން ގުޅުމުން އޭނާ ވަރަށް ހައިރާންވިއެވެ. ނަމަވެސް އެދެބެއިންގެ މެދުގައި ސުލްހަވެރިކަން ޤާއިމްކުރަން ބޭނުންވާތީ އިޒްޔަން އަރްވިންއަށް އެހީތެރިވާން ނިންމިއެވެ.
އިޒްޔަން ގުޅާފައި ވަރަށް މުހިއްމު ވާހަކައެއް ދައްކަން ބޭނުންކަމަށް ބުނުމުން ދެބަހެއްނެތި އާއިން ހުޅުމާލެއަށް އައެވެ. އިޒްޔަން އޭނާ ގޮވައިގެން ދިޔައީ މާދުރުނޫން ހިސާބެއްގައި ހުރި ރެސްޓޯރެންޓަކަށެވެ.
" ހޫމް…ބުނެބަލަ! ކޮންކަމެއް ލައިގަތީތަ؟.." މޭޒެއްގެ ދޮށުގައި އިށީންނަމުން ސަމާސާ ރާގެއްގައި އާއިން ބުނެލިއެވެ.
" ޝައުންގެ އުފަންދުވަސް އެބައާދެއެއްނު…އެހެންވެ އެވާހަކަދައްކަން…" އިޒްޔަން ވާހަކައެއް ހަދާލިއެވެ.
" އެކަމު އުފަންދުވަސް ފާހަގަ ކުރުމަކީ ރަނގަޅުކަމެއް ނޫނެއްނު…އަހަރެން ތާއީދުކުރާކަމެއްނޫން ތިއީކީ…" އާއިން ވަގުތުން ދެކޮޅު ހެދިއެވެ.
" އެނގެއޭ…އެކަމު ކުރިންސުރެ އެކަން ކުރަމުން އައީމަ…ކުއްލިއަކަށް ހުއްޓާލަން އުނދަގޫވާނެއްނު.." އިޒްޔަން ބުނެލިއެވެ.
" ގޯސްކަމެއްވިއްޔާ އެއީ ގޯސްކަމެއްކަން އެނގޭ ހިސާބުން އެވީ ހުއްޓާލަން…މީގެކުރިން ނޭނގޭތީ އެކަހަލަ ކަންކަން ކުރަމުން އައީ….އެކަމު މިހާރު އަހަރެންނަށްވެސް އެނގޭ އެއީ ކުރުން ރަނގަޅުކަމެއް ނޫންކަން…" އާއިން ފޯރިޔާއެކު ބުނެލިގޮތުން އިޒްޔަންއަށް ހެވުނެވެ.
" އޯހ…އެގުޅަނީ އުޝް…މިއައީ ވަރަށްބޮޑު ކަމެއް ހަނދާން ނައްތާލާފަ….އެބަ އަންނަން…އިހަށް މިތާ މަޑުކޮށްލާ!" ފޯނު ހިފައިގެން ތެދުވަމުން އިޒްޔަން ބުނެލިއެވެ.
" ދެން މައެކަނި މިތާ އިންނަންވީތަ؟.." އިޒްޔަން ދާން އުޅުމުން އާއިން ޝަކުވާކޮށްލިއެވެ.
" ދެން އިރުކޮޅަކު އިނދެބަލަ! ލަހެއްނުވާނޭ…އެބައަންނަން…" އިޒްޔަން ހިނގައިގަންނަމުން ބުންޏެވެ. އާއިން ޗޮކެއް ކަނޑާލަމުން އަނގައަށް ގޮތެއް ހަދާލިއެވެ.
އިޒްޔަން ދިޔަތާ އިރުކޮޅެއްފަހުން މީހަކު އައިސް އާއިންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނުމުން އޭނާ އިސްއުފުލާ ބަލާލިއެވެ. އެވަގުތު އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔައީ ކުރިމަތީގައި އިން އަރްވިން ފެނުމުންނެވެ.
" ނޭނގޭތަ…ތިއީ މީހަކު ރިޒާވްކޮށްހުރި ތަނެއްކަމެއް؟…ތެދުވޭ ތިތަނުން!" ރުޅިއައިސްފައި އާއިން އަމުރުކޮށްލިއެވެ.
" މިތާނގަ އަހަރެން އިށީނުން މަނާ އެއްވެސް ތަނެއް ނޯންނާނެ…މިއީ އަހަރެންގެ އަމިއްލަތަނެއް…އެކަމު ތިބޭފުޅާ ހިތްހަމަ ނުޖެހުނީތީ މާފަށް އެދެން…" ހީލަމުން އަރްވިން ބުނެލިއެވެ.
އެވަގުތު އާއިން ބަލާލީ ހައިރާންވެފައެވެ. އަރްވިންގެ ރެސްޓޯރެންޓެއް ހުރިކަމެއް ކުރިއަކުން އޭނާއަކަށް ނޭނގެއެވެ. އެއީ އަރްވިންގެ ތަނެއްކަން އެނގޭނަމަ އޭނާ ނުވެސްވަނީހެވެ.
" އަދި ދާކަށްނުވެއެއްނު…މިތަނަށް އާދެވުނު ދުވަހު ކޮންމެވެސް އެއްޗެއް ކައިގެންނެއްނު ދާންވާނީ…" އާއިން ތެދުވުމުން އަރްވިން ބުނެލިއެވެ.
" މިތަނުން އެކައްޗެއްވެސް ކާކަށް ބޭނުމެއްނޫން….ކަލޭ ދޭ ކޮންމެ އެއްޗެއްވެސް އަހަރެންނަށް ވާނީ ޒަހަރަކަށް…" އާއިން ނުރުހިފައި ބުނެލިއެވެ.
" މައްސަލައެއްނެތް…ކެއުމުގެ ވާހަކަ ދޫކޮށްލާފަ…އަހަރެން މިދައްކާ ވާހަކައެއް އަޑުއަހާލަން މަޑުކޮށްލަންވީނު….ހަމަގައިމުގެސް ގެއްލުމެއްނުވާނެ…" އަރްވިން ބުނެލިއެވެ.
" ކަލެއާ އެއްވެސް ވާހަކައެއް ދައްކާކަން މަބޭނުމެއްނޫން…" އާއިން ހިނގައިގަންނަމުން ބުންޏެވެ.
" މަޑުކޮށްބަލަ! މަންމަ ބުނެގެންނޭ…" އާއިންގެ އަތުގައި ހިފާލަމުން އަރްވިން ބުންޏެވެ. މަންމަގެ ވާހަކަ ބުނުމުން އާއިންއަށް ހުއްޓެވުނެވެ.
" އަހަރެންގެ މަންމައެއް ނުހުންނާނެ…" ނުރުހުމާއެކު އަރްވިންއަށް ބަލާލަމުން އާއިން ބުންޏެވެ.
" އާއިން…ތިހެންބުނަން ހެޔޮވެސްނުވާނެ….އާއިން ކިތަންމެ ރުޅިއައިނަމަވެސް މަންމަވާނީ މަންމައަށް…އެކަން ބަދަލެއްނުވާނެ…އާއިންއަށް އެނގޭތަ މަންމަ އާއިން ދެކޭހިތުން އުޅޭވަރެއް…އާއިންގެ މަތިން ހަނދާންކޮށްފަ ހިތާމަ ކުރާވަރެއް…" އަރްވިން ހަރުކަށިކަމާއެކު ބުނިނަމަވެސް އޭނާގެ އަޑުގައި ހިތާމަވެރިކަން އެކުލެވިގެންވެއެވެ.
" ހުއް…އަހަރެންގެ މަތިން ހަނދާންވެގެންނޭ….ޖޯކެއްތަ ތިއީ؟.." މަލާމާތުގެ ގޮތަކަށް ހީލަމުން އާއިން ބުންޏެވެ.
" އާއިންއަށް ޖޯކަކަށް ވިޔަސް އެއީ ހަޤީޤަތަކީ…މަންމަ އަބަދުވެސް އާއިންގެ މަތިން ހަނދާންކޮށްފަ ރޮއޭ…އާއިންއަށް ހެޔޮދުޢާކުރޭ.." އަރްވިން އަސަރާއެކު ބުންޏެވެ.
"ކީއްވެ އަހަރެންމަތިން ހަނދާންވެގެން މަންމަ ރޯންވީ؟…ތިހުރީއެއްނު މަންމަގެ ރަންދަރި….ތިއެއްނު މަންމަގެ ހުރި ހަމައެކަނި ދަރިއަކީ..ދެންކީއްވެ އިތުރުމީހެއްގެ މަތިން ހަނދާންވާންވީ…." އާއިން ނުރުހިފައި ބުނިއިރު، އޭނާގެ އަޑުގައިވެސް ރިހުމެއްވެއެވެ.
" އާއިން…އެންމެ ފަހަރަކުވެސް މަންމައާ ބައްދަލުކޮށްބަލަ! މަންމަގެ ވާހަކަތައް އަޑުއަހާލަބަލަ! ކިހާދުވަހެއް ވާންދެންތަ މަންމަދެކެ ރުޅިއައިސްގެން ތިގޮތަށް އުޅޭނީ؟.." އާއިންއަށް ވިސްނައިދިނުމަށްޓަކައި އަރްވިން ބުންޏެވެ.
" މުޅި އުމުރަށް…މުޅި އުމުރަށް އަހަރެން އުޅޭނީ މިހެން….އަހަރެން އުޅެބޮޑުވީ މަންމައަކާ ނުލާ….ދެންވެސް އަހަރެންނަށް އުޅެވޭނެ….ކަލެއަށް މަންމަގެ ބޭނުން ޖެހޭނީ…ކަލޭހުރޭ މަންމަގާތުގަ…..އަހަރެން ބޭނުމެއްނޫން މަންމައެއް…" މައިވަންތަކަމުގެ ލޯތްބަށް އެދި ހިތްތެޅިފޮޅެމުން ދާއިރުވެސް އާއިން ބުނެލިއެވެ.
" އެކަމު މަންމަ ބޭނުމޭ އާއިން….މަންމަ އާއިންދެކެ ލޯބިވެޔޭ…މަންމައަށްޓަކާ ހަމަ އެންމެ ފަހަރަކު މަންމައާ ބައްދަލުކޮށްބަލަ!…ދަރިންގެ މައްޗަށްވާ ހައްޤެކޭ މައިންނަށް އޯގާތެރިކޮށް ހިތުމަކީ….އާއިންއަށްވެސް އެވަރު އެނގެއެއްނު…" އަރްވިން އަނެއްކާވެސް އާއިންއަށް ވިސްނައިދޭން އުޅުނެވެ.
" ހައްޤޭ؟….ކޮބާތަ މަންމަގެ މައްޗަށް އޮތް މިދަރީގެ ހައްޤު…އުމުރުން އެންމެ ހަތް އަހަރުގަ އަހަރެން ދޫކޮށްލާފަ ދިޔައިރު ކޮބާތަ ތިބުނާ ހައްޤު؟..ކޮބާތަ ތިބުނާލޯބި؟..ވާހަކަދެއްކިދާނެ އަހަންނަށްވެސް…" އާއިން ނުރުހިފައި ބުނެލިއިރު އޭނާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ.
" އެދުވަހު އާއިން ދޫކޮށްފަ މަންމައައީ ކީއްވެގެންކަން އާއިންއަށް އެނގޭނަމަ ތިހެން ނުބުނާނެ….އަދި ފަހުން އާއިން ހޯދަން މަންމަ ކުރި މަސައްކަތް އެނގޭނަމަވެސް ތިހެން ނުބުނާނެ…" ދެރަވެލާފައި އަރްވިން ބުންޏެވެ.
" ބުނަން…އަހަރެން ނެތިން ކަލޭދައްކާ އިތުރު ވާހަކައެއް އަޑުއަހާކަށް….ކޮންމެ ވާހަކައެއް ދެއްކިނަމަވެސް ހަޤީޤަތެއް ބަދަލެއްނުވާނެ…ތިބުނާ މަންމަގާތު ބުނޭ އާއިން ކިޔާ ދަރިޔަކު ނުހުންނާނޭ….އަދި އަހަރެންވެސް މަންމަ ހުރިކަމެއް ހަނދާނެއް ނެތޭ…" އާއިން އެހެންބުނުމަށްފަހު މަޑުކޮށްލުމެއްވެސް ނެތި ނުކުމެގެން ދިޔައެވެ.
*****
އުފާވެރިކަމާ ހިތްހަމަޖެހުމާއެކު ދުވަސްތައް ގުނަމުން ގޮސް، އާއިންއާއި ފަރަހަނާޒްގެ ކާވެނި ކުރެވޭ ދުވަސްވެސް އަތުވެއްޖެއެވެ. އިއްޔެއިން ސުރެ އުޝާއާ ތޫބާ އަވަދިނެތި އުޅެނީ މިއަދަށް ފަރަހަނާޒް ތައްޔާރު ކުރުމުގައެވެ. ރޭގައި އުޝާ ފަރަހަނާޒްއެކު އޭނާގެ ސެލޫންއަށް ގޮސް ފޭޝަލް ހެދުވިއެވެ. ފަރަހަނާޒްގެ ކާވެނި ކުރެވެން އުޅޭކަން އެނގުނީއްސުރެ ސެލޫންގަ ތިބިކުދިންވެސް އޭނާއަށް ގޯނާކުރަމުން ދިޔައެވެ. ފަރަހަނާޒް ލަދުގަތްނަމަވެސް އެކުދިންގެ ގޯނާތަކަށް ކެތްކުރަމުން ދިޔައެވެ.
ޝާލީވެސް އޭނާގެ ޗުއްޓީ ނިންމާފައި އެނބުރި އައިތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާއަކީ އެތަނުގައިހުރި އެންމެ ތަޖުރިބާކާރު މުޢައްޒަފެކެވެ. މިއަދު އުޝާގެ އެދުމުގެ މަތިން ފަރަހަނާޒްގެ މޭކަޕްކޮށްދިނީ އޭނާއެވެ. ރޭގައި ފޭޝަލް ހަދާލުމުން ފަރަހަނާޒްގެ މޫނުގެ ކުލައަލިވެސް ކުރިޔަށްވުރެ ރީތިވިހެން ޚުދު އޭނާއަށްވެސް ހީވިއެވެ. އެހެންކަމުން އަލިމޭކަޕަކާއެކު އޭނާގެ ރީތިކަން ދެގުނައަށް އިތުރުކޮށްދީފިއެވެ. ސެލޫންއިން ގެޔަށް އައިސް ގިނައިރުތަކެއް ނުވަނީ އާއިންގެ ކާރުއޮތީ އެގޭ ދޮރުމަތީގައެވެ.
" ކޮބާ…އާން އަތުވެއްޖެ…އަވަހަށް ނުކުމޭ!…" އުޝާގޮވާލުމުން ހާސްވެ، ކަންބޮޑުވެފައިހުރެގެން ފަރަހަނާޒް ކޮޓަރިން ނުކުތެވެ.
" މި ޝޯލް އަޅައިގެން ނުކެރޭނެދާކަށް…." އޭނާ އަޅައިގެންހުރި މެރޫންކުލައިގެ ޝޯލައަށް އިޝާރާތްކުރަމުން ފަރަހަނާޒް ބުންޏެވެ.
" ތިޝޯލް ނުލާހިކު ރީތި….މިކަހަލަ ދުވަހަކު ހުސްކަޅުހެދުން ލައިގެން ވާނެތަދާން….ދެން ދޭބަލަ! މޭކަޕާވެސް ނުލާހިކު ގުޅޭ….ދޯ ތޫ؟…" އުޝާ އެހެންބުނުމުން ތޫބާވެސް ފަރަހަނާޒަށް ތަޢުރީފުކޮށްލިއެވެ.
ފަރަހަނާޒް ހިތްއަވަސްވެފައި ހުރެ ގެއިން ނުކުންނަން އުޅެނިކޮށް ފައިކައްސާލާއިގެން ނުވެއްޓުނީވެސް ކިރިޔާއެވެ. ގޭގެ ދޮރުމައްޗަށް ކާރުމަޑުކޮށްލައިގެން، ފަރަހަނާޒްމެންގެ އިންތިޒާރުގައިން އާއިންއަށް ފަރަހަނާޒް ފެނިފައި އެތެރެއަށްލީ ނޭވާ ބޭރަށްލާންވެސް ނޭނގިފައި ބަލަން އިނދެވުނެވެ. ހާދީއާއެކު ކާރާދިމާއަށް ހިނގާފައި އެއަންނަ އަންހެން ކުއްޖާއަކީ އޭނާގެ ނާޒްބާއޭވެސް އާއިންގެ ހިތަށްއެރިއެވެ. ހާދީމެން އައިސް ކާރު ކައިރިއަށް ހުއްޓުނު އިރުވެސް އެސްފިޔަޖަހާލަންވެސް ނޭނގިފައި އޭނާއަށް އިނދެވުނެވެ. އާއިން ބަލާކަން އެނގުމުން ލަދުގަތްވަރުން ފަރަހަނާޒަށް އިސްއޮބާލެވުނެވެ.
" ދަރިފުޅު އަރާކުރިޔަށް!.." ކުރީ ދޮރުފަތް ހުޅުވާލަމުން ހާދީއެދުނެވެ. އާއިން ބަލަންއިންކަން އެނގޭތީ ޖެހިލުންވިނަމަވެސް، ބައްޕަބުނީތީ ދެކޮޅުހަދަން ނުކެރިގެން އޭނާ ކުރިޔަށް އެރިއެވެ. ހިތްފުރޭންދެން ފަރަހަނާޒަށް ބަލާލަން ބޭނުންވެފައި އިންނަމަވެސް، ވަގުތުގެ ގޮތުން އޭނާ ކެތްކުރިއެވެ. މިއަދުން ފެށިގެން ފަރަހަނާޒަކީ އޭނާގެ މިލްކެއްކަން އެނގޭތީ ހިނިތުންވެލަމުން އޭނާ ކާރުދުއްވާލިއެވެ. ކާރު ދުއްވަމުން ދިޔައިރުވެސް އިރުއިރުކޮޅުން އޭނާއަށް ފަރަހަނާޒަށް ބަލާލެވެއެވެ. އިސްޖަހައިގެން އަތުގެ އިނގިލިތަކާއި ކުޅެން އިންއިރު، އެކުއްޖޭގެ ކަންބޮޑުވުން އާއިންއަކަށް ސިއްރެއްނުވިއެވެ. އެވަގުތު ހާދީ ކާރުގައި ނެތްނަމަ ކޮންމެވެސް ގޯނާއެއްވެސް އޭނާކޮށްލެވުނީހެވެ.
****
ދިގުއިންތިޒާރެއް ނިމުން އަތުވެއްޖެއެވެ. ޤާޒީ ކާވެނި އަޤުދުކޮށްދިން ވަގުތުން އާއިންގެ ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެގެން ދިޔައެވެ.
" އަނބި ގަބޫލުކޮށްފިން…" އާއިންގެ ދުލުން އެބަސްނުކުތްއިރު އަޑުގައި ތުރުތުރުލުމެއްވެސް ވަނީ އުފެދިފައެވެ.
އާއިންގެ ދުލުން އިވުނު ހިތްހައިމު ބަސްކޮޅުން ފަރަހަނާޒްގެ ހިތަށް ލިބުނީ ބަޔާންކުރަންދަތި ފޮނިކަމެކެވެ. ހާދީގެ ލޮލުންވެސް އެވަގުތު ކަރުނައަކީ އުފަލުންނެވެ. އޭނާގެ އިން ހަމައެކަނި ދަރިފުޅުވެސް މިއަދު މީހެއްގެ އަންބަކަށްވީއެވެ. އޭނާގެ ހުރިހާ ހުވަފެންތައް މިއަދު ފުރިހަމަ ވެއްޖެއެވެ. އެދަރިފުޅަށް އާއިންފަދަ ރަނގަޅު ފިރިޔަކު ލިބުނީތީ ހެއްދެވިފަރާތަށް ފަށްފަށުން ހާދީ ޝުކުރުދެންނެވިއެވެ.
އާއިންއާއެކުގައި ކޯޓުން ނުކުތް ފަރަހަނާޒް އަދިވެސްހުރީ ކަންބޮޑުވެފައެވެ. އޭނާއަކީ މިހާރު މީހެއްގެ އަތްނބެކޭ ހިތަށްއެރުމުންވެސް މުޅިގައިން ހީބިހި ނަގައިގެން ހިނގައްޖެއެވެ. މީގެފަހުން އޭނާއަކީ އާއިންގެ މީހެކެވެ. ފަރަހަނާޒްއާ އެއްވަރަށް ހިނގާފައި އައި އާއިންގެ މޫނުމަތީގައިވާ ހިނިތުންވުން ހިނދުކޮޅަކަށްވެސް ފަނޑުވެގެން ނުދެއެވެ.
" މަރުޙަބާ ދެކުދިން…" ކުއްލިއަކަށް އައި ނައިތަނެއް ނޭނގި މާޒްއާ އުޝާއަދި އިޒްޔަން މާފަތިތަކެއް ހިފައިގެން އައިސް އާއިންއާއި ފަރަހަނާޒްގެ ކަރުގައި އެޅުވިއެވެ. ދެމީހުންމެ ހައިރާންވެ ސިހިފައި ތިއްބައި އެމަންޒަރު އެމީހުންގެ ފޯނުތަކުގައި ރައްކާކޮށްފިއެވެ. ހާދީވެސް ހެވިފައި އެމަންޒަރު ބަލަން ހުއްޓެވެ. މަގުމަތިންދިޔަ މީހުންގެ ނަޒަރުވެސް އެދެކުދިންނަށް އަމާޒުވަމުން ދިޔައެވެ.
" އޭތް ދެން ގެޔަށް ދިޔައީމަ ފޮޓޯނަގަން ތިބެބަލަ! މީހުންބަލަނީއޭ…" މަގުމަތިން ދިޔަމީހުންގެ ނަޒަރުގެ އަމާޒުފަތްގަނޑަކަށް ވުމުން އާއިން ލަދުގަންނަ ގޮތްވިއެވެ.
" އާނ އޯކޭ…އަވަހަށް ނާޒް ގޮވައިގެން ގެޔަށްދެވޭތޯ ބަލާ…އެހެންނޫނީ މީހެއްގެ އެސްފީނާވެސް ޖެހިދާނެ" މާޒް ދިމާކޮށްލިއެވެ.
" މާޒް އާދެބަލަ އަހަރެމެންނާއެކު…" ކާރާ ދިމާއަށް ހިނގައިގެންފައި އާއިން ބުނެލިއެވެ.
" ކިހިނެއްވީ؟.." އާއިންގެ ގާތަށް ޖެހިލަމުން މާޒް އަހާލިއެވެ.
" މާޒް ކާރު ދުއްވަބަލަ!…ޕްލީޒް…" އާދޭހުގެ ރާގަކަށް ސިއްރު ސިއްރުން އާއިން ބުނެލިގޮތުން މާޒްގާތަށް ހިނިއައެވެ.
" އޯކޭ…މިއަދު ދެން އާންގެ ޑްރައިވަރަކަށްވެސް ވެދީފާނަން…" ލާނެގޮތަކަށް ހީލާފައި މާޒް ކާރަށް އެރިއެވެ.
" ނާޒް..އަރާ…" ކާރުގެ ފަހަތު ދޮރުހުޅުވާލަމުން އާއިން ބުނެލިއެވެ. ފަރަހަނާޒް މަޑުމަޑުން އަރާއިށީނުމުން އާއިން ދޮރުލައްޕާލިއެވެ.
" ދަރިފުޅުވެސް އަރާފަހަތަށް…ބައްޕައަރާފާނަން ކުރިޔަށް…" އާއިން ކުރިޔަށް އަރަންފެށުމުން ހާދީއަށް އެއްޗެއް ވިސްނިގެން ބުނެލިއެވެ. އެއީ ޚުދު އާއިންވެސް ބޭނުންވި ގޮތެވެ.
އޭނާ މިވަގުތު ބޭނުންވަނީ ވީހާވެސް ބޮޑަށް ފަރަހަނާޒްގެ ގާތުގައި އިނުމަށެވެ. އާއިން އުފަލުންހުރެ ކާރަށް އަރައި ފަރަހަނާޒްގެ ގާތުގައި އިށީނެވެ. އޭރު ފަރަހަނާޒް އިނީ ހިތްއަވަސްވެފައެވެ. މާޒް ކާރުދުއްވާލުމުން އާއިން މަޑުމަޑުން ފަރަހަނާޒްގެ އަތުގައި ހިފާލިއެވެ. އެއަތެކޭ ގަނޑުފެންކޮޅެކޭ އެއްފަދައެވެ.
" އަދިވެސް ބިރުގެންފަތަ؟…" އާއިން ސިއްރު ސިއްރުން އަހާލިއެވެ.
" ކުޑަކޮށް…" ޖެހިލުންވެ އިނދެ ފަރަހަނާޒް ބުނެލިއެވެ.
" ފުންކޮށް ނޭވާއެއްލާ….އޭރުން އޯކޭވާނެ…" ހިނިތުންވަމުން އާއިން ބުނެލިއެވެ.
އާއިން ބުނިގޮތަށް ފަރަހަނާޒް ކަންތައްކުރިއެވެ. ނަމަވެސް އޭނާގެ ހިތްތެޅުން މަޑެއްނުވިއެވެ. އާއިންގެ އަތުތެރޭގައި އޮތް ފަރަހަނާޒްގެ މަޑުމަޑު އަތަށް އޭނާފިތާލިއެވެ. އެވަގުތު ފަރަހަނާޒް ސިހިފައި ބަލާލުމުން ލޯބިވެތި ގޮތަކަށް އާއިން ހިނިތުންވެލިއެވެ. ފަރަހަނާޒްވެސް ލަދުރަކި ހިނިތުންވުމެއް އާއިންއަށް ހަދިޔާކުރަމުން އިސްޖަހާލިއެވެ.
ނުނިމޭ