Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ފިނިފެންމާ ލޯންޗު ގޮވި ހާދިސާގެ ރޯ ފުޓޭޖު ނުލިބޭނެ: އުމަރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، ފޮޓޯ: ރާއްޖެއެމްވީ

ފިނިފެންމާ ލޯންޗު ގޮވި ހާދިސާގެ ރޯ ފުޓޭޖު އެއްވެސް ބަޔަކަށް ނުލިބޭނެކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާގެ ރޯ ފުޓޭޖު ސަންގު ޓީވީން ވަނީ ދައްކާފައެވެ. އެޓީވީން ދެއްކި މަންޒަރުގައި އަސްލު ފުޓޭޖާއި، އެޑިޓްކޮށްގެން ދެއްކި ކަމަށް ބުނާ ވީޑިއޯ ވަނީ ދައްކާފައެވެ.

ސަންގު ޓީވީން މިފަދަ ވީޑިއޯއެއް ދައްކާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި އިރު އަލިފާނުގެ އެއްވެސް ކަމެއް ފެނިފައި ނުވާ ކަމަށާއި، ފިނިފެންމާ ލޯންޗުން އަލިފާނުގެ އަސަރެއް ފެނުނީ އެހާދިސާ ހިނގިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ދެއްވި ވީޑިއޯ ކްލިޕުން ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ސަންގު ޓީވީން ފިނިފެންމާ ލޯންޗުގެ ހާދިސާ ކަމަށް ބުނެ ދެއްކި ވީޑިއޯ އާއި ގުޅިގެން އެ ހާދިސާ ހިނގިއިރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު ވިދާޅުވީ އެ ހާދިސާގެ ރޯ ފުޓޭޖު އެއްވެސް ފަރާތަކަށް ނުލިބޭނެކަމަށެވެ.

އަމަރު އާއި ހަވާލާދީ "އާފަތިސް" އިން ބުނެފައިވަނީ ޝަރީއަތަށް ހުށަހެޅުމަށް ހޯދާފައި ހުންނަ ހެކި ތަކަކީ ފުލުހުންގެ ފޮރެންސިކް ލެބްގައި ރައްކާ ކުރެވިފައިވާ ތަކެތި ކަަމަށާއި އެތަކެތި ފުލުހުންނަށްވެސް އަދި ރައީސް އޮފީހަކަށްވެސް ނުލިބޭނެކަމަށެވެ.

އުމަރު ވިދާޅުވީ އެތަކެތި ލިބޭނީ ޗޭން އޮފް ކަސްޓަޑީ ފުރިހަމަކޮށްގެން ކަމަށާއި، އެކަމަށް ހާއްސަ އުސޫލުތަކެއް ހެދިފައިވާ ކަމަށެވެ.

އުމަރު ވިދާޅުވީ ފިނިފެންމާ ލޯންޗުގައި އެއްްޗެއް ގޮވުމުގެ ސަބަބުން ދުން އެރިއިރު އެތަނުގައި އަލިފާން ހުރިކަމަށެވެ. އަދި އެކަން ދެނެގަނެވޭނީ ވީޑިއޯ ލަސްކޮށް ޕްލޭކޮށްގެން ކަމަށެވެ.

ފިނިފެންމާ ލޯންޗުގެ ހާދިސާ އާއި ގުޅޭ ގޮތުން އެ ދުވަހު ރައީސް އަބްދުﷲ ޔާމީން އާއި އެކު ލޯންޗުން ދަތުރުކުރި މުއާޒު ވިދާޅުވީ އެކަން އަލުން ދިވެހި ފުލުހުން ބަލައި ތަހްގީގު ކުރަން ޖެހޭ ކަމަށެވެ.

ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާ ހިންގިކަމަށް ތުހުމަތު ކުރަނީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށެވެ.