Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

ހުޅުމީދޫ މަގު ހަދަން ގެންދިޔަ ތާރު ބިންމައްޗަށް އެޅި ތިމާވެއްޓަށް ބޮޑު ނުރައްކަލެއް!

އައްޑޫ ސިޓީގެ ހުޅުމީދޫ އަވަށުގައި ތާރު އެޅުމަށް ގެނެސްފައިހުރި ތާރު، މަސައްކަތް ނުފެށި ގިނަ ދުވަސްވެ، ރަނގަޅު ގޮތުގައި ނުބެލެހެއްޓުމުގެ ސަބަބުން ފީފާތައް ފީވެ، ހަލާކުވެގެން ގޮސް ތާރުތައް ބިންމައްޗަށް އެޅި ތިމާވެއްޓަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ތާރު ބިންމައްޗަށް އެޅި އެ ތާރުތައް އިސްރާފު ވެފައިވާއިރު މަޝްރޫއު ކުރިއަށް ގެންދަން އަނެއްކާވެސް އިތުރު ޚަރަދެއް ކޮށްފައި ތާރު ގެންނަން މަޖުބޫރުވެއެވެ.

މީގެ އިތުރުން ބިންމައްޗަށް އެޅޭ ތާރުން، ރަށުގެ ފެން ފަށަލަ ތަޣައްޔަރުވުމުގެ ފުރުސަތު ވަރަށް ބޮޑު ވެގެންދެއެވެ. ބިންމަތީގައި އެޅުމަށް ގެންނަ ތާރަކީ ސާފު ނުކުރާ ތެލަށް ވެފައި، އޭގެ ނުރައްކާތެރިކަން ފެން ފަށަލައިގެ އިތުރުން ރަށުގެ ފަސްގަނޑަށް ވެސް ކުރާނެއެވެ.

ހުޅުމީދޫއަކީ ދަނޑުވެރި ރަށަކަށް ވާއިރު ރަށުގެ ފަސްގަނޑަށް ކުރިމަތިވާ މިފަދަ ކޮންމެ ނުރައްކަލަކީ ސީދާ ރައްޔިތުންނާ ގުޅުން ހުރި ކަމެކެވެ. އަދި ސާފު ބޯފެން ހޯދުމަށާއި ހެދުން ދޮވެ ފެންވަރައި ހަދާ ފެނަކީ ވެސް ނުސާފު ފެނަށް ވުމުގެ ފުރުސަތު ބޮޑެވެ.

ތާރު ފީފާތައް ރަށުގެ އެކި ތަންތަނަށް "އުކާލާފައިވާއިރު" ކަމާ ބެހޭ އެއްވެސް ފަރާތަކުން އެކަމާ ގުޅޭގޮތުން ފިޔަވަޅެއް އަޅާފައެއްނުވެއެވެ. ފީފާތައް ހަލާކުވެ ތާރު ބިންމައްޗަށް ފައިބަން ފެށުމުން ވެސް އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރީ ރަށުގެ އާންމު ރައްޔިތުންނެވެ.

ކައުންސިލާއި އެންވަޔަރޮމެންޓް މިނިސްޓްރީން އަދި މަޝްރޫއުތައް ހަވާލުކުރާ ފަރާތާއި ހަވާލުކުރެވޭ ފަރާތުން ވެސް ވީނުވީއެއް ވެސް ބަލާފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ދާދި ފަހުން ކުޅުދުއްފުށީގައި ވެސް ތާރު އެޅުމަށް ގެނައި ތާރު ފީފާތައް ހަލާކުވެ ތާރު ބިންމައްޗަށް ވެއްޓި ތިމާވެއްޓަށް މިފަދަ ނުރައްކަލެއް ކުރިމަތިވެގެން ދިޔައެވެ.