ސްރީ ލަންކާ އާއި ސ. ގަމާ ދެމެދު ޖުލައި މަހުގެ ތެރޭގައި ސީދާ ދަތުރުތައް ފެށޭނެ ކަމުގެ އުންމީދުގައި ތިބި ކަމަށް އަައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކައުންސިލުން ބޭއްވި ނޫސް ކޮންފަރެންސެއްގައި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ލަންކާ އާއި ގަމާ ދެމެދު ފެށޭނެ ދުވަހެއްގެ އިންތިޒާރުގައި އައްޑޫ ރައްޔިތުން ތިބޭތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި އެކަމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ ސްރީ ލަންކަން އެއާލައިންސުން ގަމަށް ދަތުރުތައް ފަށަން ޝައުގުވެރިކަން ފާޅު ކުރަމުން އަންނަނީ 2009 ވަނަ އަހަރުން ފެށިގެން ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އައި އިރު ވެސް އެ އެއާލައިނަށް މިކަން ކުރެވޭނެ ފުރުސަތު ސަރުކާރުން ފަހިކޮށް ނުދީ އޮތުމަކީ ކަންބޮޑުވުމެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ސްރީ ލަންކަން އެއާލައިންސުން ގަމަށް ބާއްވަން އުޅެނީ އިންޓަނެޝަނަލް އޮޕަރޭޝަންތަކެއް ކަމަށެވެ. އަދި އެއްްގޮތަކަށް ވެސް ޑޮމެސްޓިކް އޮޕަރޭޝަނަށް އެ އެެއާލައިނުން އެދިފައި ނުވާ ކަމަށް އެ އެއާލައިންގެ ރާއްޖޭގެ އެޖެންޓް ވެސް ބުނެފައިވާ ކަމަށް ސޯބެ ވިދާޅުވި އެވެ.
އެހެންވެ މީގައި ގައުމީ އެއާލައިން މޯލްޑިވިއަނުން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެ އެވެ.
ކައުންސިލުން އިތުރަށް ބުނީ މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ރައީސް ޑރ. މުހައްމަދު ވަހީދު ވެސް މިކަން މާ ލަސްތަކެއް ނުވެ ފެށޭނެ ކަމަށް ވިދާޅުވެފައި ވާތީ އައްޑޫ ރައްޔިތުން ތިބީ އެ ދުވަހެއްގެ އިންތިޒާރުގައި ކަމަށެވެ.
ކައުންސިލުން ބުނީ މަހުގެ 8 ވަނަ ދުވަހު ރައީސް އައްޑު އަށް ވަަޑައިގެން ރައްޔިތުންނާ ބައްދަލު ކުރަައްވައި ދެއްކެވި ވާހަކައިގައި ޖުލައި މަހުގެ ތެރޭގައި ކޮލޮމްބޯ އާއި ގަމާ ދެމެދު ދަތުރުތައް ފެށޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
"ރައީސް ވަހީދު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައީސް އޮފީހުން މިނިސްޓަރު އޮފް ޓްރާންސްޕޯޓް އަމީން އިބްރާހީމަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ކައުންސިލް އިދާރާ އަށް ލިބިފައިވޭ. އެ ސިޓީގައި ވިދާޅުވެފައި ވަނީ މިކަމާ ގުޅިގެން މިނިސްޓްރީން އަޅުއްވާ ފިޔަވަޅެއް އައްޑޫ ސިޓީ ކައުންސިލަށް އޮޅުން ފިލުވައި ދެއްވުމަށް،" ބުރާސްފަތި ދަހު ކައުންސިލުން ނޫސްވެރިންނާ ހިއްސާ ކުރި "މީޑިއާ އަށް ދޭ މައުލޫމާތު ކަރުދާސް" ގައި ބުނެފައިވެ އެވެ. "މިހާތަނަށް މީގެ ޖަވާބެއް މި އިދާރާއަކަށް ލިބިފައެއް ނުވޭ. ރައީސް އޮފީހުގެ ސިޓީ މި އިދާރާ އަށް ލިބިފައި ވަނީ މެއި މަހުގެ 16 ވަނަ ދުވަހު."
ލަންކާ އާއި ގަމާ ދެމެދު ދަތުރުތައް ނުފެށި ލަސްވަމުންދާތީ އެ މައްސަލާގައި ކައުންސިލުން ވެސް ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އަމީނަށް ސިޓީއެއް ފޮނުވާފަ އެެވެ. އަދި އަމީންގެ މިނިސްޓަރުކަމުގައި މިކަން ސިޔާސީ ކަމަކަށް ނަހަދައި ކައިރު މުސްތަގުބަލެއްގައި ކޮށްދެއްވާނެ ކަމުގެ އުންމީދުގައި ތިބި ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.