Last Updated: June 8, 11:47
Monday, June 8, 2026
ޚަބަރު

ދެކުނުގެ ދެ އަތޮޅެއްގައި ޓާޝިއަރީ ހޮސްޕިޓަލް އަޅަނީ

ރާއްޖޭގެ ދެކުނުން ލ. އަތޮޅު އަދި ހުވަދު އަތޮޅުގައި ވެސް ޓާޝިއަރީ ހޮސްޕިޓަލެއް އެޅުމެއް ނިންމައިފިއެވެ.

ހެލްތް މިނިސްޓަރ އަމީން "އަވަސް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއީ މިސަރުކާރުން އަތޮޅު ތެރޭގެ ސިއްހީ ފެންވަރު ރަނގަޅު ކުރުމަށް އަޅާ ހޮސްޕިޓަލްތައް ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މާލޭގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވި ނަމަވެސް އަތޮޅުތެރޭގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް އެދެވޭ ފެންވަރުގައި މަސައްކަތެއް ކުރެވިފައިނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ އީސީސީ ގައި ޓާޝިއަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ފަސްކުރެވި ރިޔާސީ އިންތިޚާބަށް ކައިރިވެފައިވަނިކޮށް މަސައްކަތް ފެށި ނަމަވެސް ނިންމުމަށް އިއުލާންކުރި ދުވަހަށް މަސައްކަތް ނިމިފައެއް ނުވެއެވެ.

ހުސްވި އަހަރުގެ ޖުލައި މަހަށް ނިންމަން ބުނި ހޮސްޕިޓަލުގެ މަސައްކަތް ރިޔާސީ އިންތިޚާބު ނިމި، ޔާމީންގެ ވެރިކަން ނިމުނުއިރު ވެސް ނުނިމެއެވެ. މިސަރުކާރުން އެ ހޮސްޕިޓާ ފުރިހަމަ ކުރުމަށް އެއްބާރުލުން ދޭނެ ކަމަށް ވަނީ ބުނެފައެވެ.