Last Updated: June 8, 11:47
Monday, June 8, 2026
ޚަބަރު

ސަލްގާޑޯގެ އެހީގައި ރާއްޖެއަށް ސްޕޯޓްސް ޓޫރިޒަމް ތައާރަފް ކުރަނީ

ރެއާލް މެޑްރިޑްގެ ކުރީގެ ތަރި މިޝޭލް ސަލްގާޑޯގެ އެހީތެރިކަމާއި އެކު ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ތައާރަފް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހެނދުނު ސަލްޑާޑޯއާއެކު ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ދެއްވި ޕްރެސް ކޮންފަރެންސެއްގައި އަލީ ވިދާޅުވީ ސަލްޑާޑޯގެ އެހީތެރިކަމާއެކު ޔޫރަޕުގެ ބޮޑެތި ޓީމުތައް ރާއްޖެ ގެނައުމަށް ވާހަކަ ދެކެވިފައިވާ ކަމަށެވެ.

އާންމުކޮށް ރާއްޖެއަށް އަންނަނީ ވަކިވަކި ކުޅުންތެރިން އާއިލާއެކު ޗުއްޓީ ހޭދަކުރުމަށް ކަމަށާއި މިހާރު އަމާޒަކީ ޓީމުތައް އެއްކޮށް ޕްރީ ސީޒަނުގައި ރާއްޖެ ގެނައުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ޓީމުތައް އައިސް ޓްރެއިން ކުރުމާއި ކުޅުމުގެ ރަނގަޅު ނިޒާމުތައް ގާއިމުކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމަށް އަމާޒުކޮށްގެން މުޅި އަހަރަށް ރާވައިގެން ވަރަށް ގިނަ ކަންތައްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖެއަށް ސްޕޯޓްސް ޓޫރިޒަމް ތައާރަފް ކުރުމަށް ސަރުކާރުން ނިންމިއިރު މިހާރުވެސް ދުނިޔޭގެ މަޝްހޫރު ކުޅުންތެރިންގެ މެދުގައި ރާއްޖެއަކީ މަގްބޫލް ތަނެކެވެ. އެގޮތުން ގިނަ ތަރިންތަކެއް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށް ރާއްޖޭގެ މަންޒަރު އިންސްޓަގްރާމް އަދި އެ ތަރިންގެ ފޭސްބުކްގައި ހިއްސާ ކޮށްފައެވެ.