މާލޭގެ ރަސްރަނި ބަގީޗާގެ ނަން އަލުން "ސަލްޓަން ޕާކް"ގެ ނަމަށް ބަދަލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
މިކަން ހާމަކޮށްފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ، ޝަމާއު ޝަރީފް "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
އެގޮތުން ޝަމާއު ވިދާޅުވީ ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކްގެ ނަމަށް ބަދަލުކުރަން ނިންމީ ކައުންސިލްގެ ހުރިހާ މެމްބަރުންގެ ވެސް އިއްތިފާޤުން ކަމަށާއި، އެގޮތަށް ނިންމީ އެ ޕާކަކީ ރާއްޖޭގެ ތާރީޚާއި ގުޅުންހުރި މުހިންމު ތަނަކަށް ވާތީ ކަމަށެވެ.
އަދި އެގޮތަށް ނިންމާފައި ވަނީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ލަފާގެ ދަށުން ކަމަށާއި، ރަސްރަނި ބަގީޗާގެ ނަން އަލުން ރީބްރޭންޑްކޮށް ލޯންޗްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ޝަމާއު ވިދާޅުވި އެވެ.
ޝަމާއު މިހެން ވިދާޅުވިއިރު، ސަލްޓަން ޕާކްގެ ނަން އަލުން ދިރުވާ، ރަސްރަނި ބަގީޗާގެ ނަން ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށް މާލޭގެ މޭޔަރ، ޝިފާ މުހައްމަދު ވަނީ މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައި ވިދާޅުވެފަ އެވެ.
ސަލްޓަން ޕާކްގެ ނަން ރަސްރަނި ބަގީޗާ އަށް ބަދަލުކޮށް، ބޮޑެތި ބަދަލުތަކަކާއެކު އެތަން ހުޅުވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެމްޓީސީސީ އާއި ހަވާލުކޮށްގެން ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށި ނަމަވެސް ފަހުން އެތަން ތައްޔާރު ކުރީ ދިވެހި ސިފައިންގެ މިންނެތް މަސައްކަތުންނެވެ.