Last Updated: June 17, 12:00
Wednesday, June 17, 2026
ޚަބަރު

ޤައިދީންނާއި ދޭތެރޭ ޢަމަލުކުރާ ގޮތުގެ މަޢުލޫމާތު ހިއްސާކުރަން އެދިއްޖެ

މާފުށި ޖަލް - ފޮޓޯ: ގޫގުލް

ޖަލުތަކުގެ ޙާލަތާއި، ޖަލުތަކުގައި ޤައިދީންނާއި ދޭތެރޭ ޢަމަލުކުރާ ގޮތުގެ މަޢުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ޖަލުތައް އޮޑިޓްކުރުމަށް އުފައްދަވާފައިވާ ކޮމިޝަން ފޯ ޕްރިޒަން އޮޑިޓް އިން ހުޅުވާލައިފިއެވެ.

އެ ކޮމިޝަން ހިންގާ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި ހިނގާ ޖެނުއަރީ މަހުގެ 10 އެއް ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ކޮމިޝަންގެ މެއިލް [email protected] ނުވަތަ ކޮމިޝަންގެ ނަމްބަރު 3321752 އަށް ގުޅާ އެ މަޢުލޫމާތުތައް ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ސީޓީއަކުން ނުވަތަ ހޯމް މިނިސްޓްރީގައި ޤާއިމުކޮށްފައިވާ ކޮމިޝަންގެ އޮފީހަށް ހާޒިރުވެ އެ މައުލޫމާތުތައް ޙިއްސާކުރެވޭނެކަމަށް ކޮމިޝަނުން ބުނެއެވެ.

ކޮމިޝަން ފޯ ޕްރިޒަން އޮޑިޓް އުފައްދަވާފައި ވަނީ މިދިޔަ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހު އެވެ. އެ ކޮމިޝަންގެ ރައީސަކަށް އައްޔަންކުރައްވާފައިވަނީ އައްޝައިޚް އަޙްމަދު ޢަބްދުލްކަރީމްއެވެ. މި ކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ ސ.ހިތަދޫ، ތެވެލި، ޑރ. ޢަބްދުﷲ އިސްނީން ހިލްމީ، މއ.ބޯގަންވިލާ ޝަހިންދާ އިސްމާޢިލް، ރ.ކަނދޮޅުދޫ، ރިހިތަޅާގެ، އަޙްމަދު މުޙައްމަދުފުޅު، ގ.މާލެހިޔާ 2، އަލްއުސްތާޛާ ޒުލައިޚާ ދާއޫދު، އދ. ދަނގެތި، ސާތީ، އަލްއުސްތާޛާ ޝާދިޔާ އާދަމް، ޏ.ފުވައްމުލައް މާބުޅާގެ، އައިމިނަތު ނާހީން އަޙްމަދެވެ.