Last Updated: June 17, 12:00
Wednesday, June 17, 2026
ޚަބަރު

ނަދުވީގެ ތަޢުޒިޔާގެ ދަފްތަރު ހުޅުވާލައިފި

މުހައްމަދު ވަހީދު (ނަދުވީ) - ފޮޓޯ: ޓްވިޓާ

ދިވެހި އަދަބިއްޔާތާއި ތާރީޚަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޢިލްމުވެރިޔާ، މުހައްމަދު ވަހީދު (ނަދުވީ)ގެ ތަޢުޒިޔާގެ ދަފްތަރު ހުޅުވާލައިފި އެވެ.

ދިވެހިބަހުގެ އެކެޑެމީ އިން ބުނީ ނަދުވީގެ ތަޢުޒިޔާގެ ދަފްތަރު އެ އެކެޑެމީގައި މިއަދުން ފެށިގެން މި މަހުގެ 21 ވާ ހޯމަ ދުވަހާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުން ނަދުވީގެ ދަފްތަރުގައި ތަޢުޒިޔާ ވިދާޅުވުމަށް އެ އެކެޑެމީ އިން ވަނީ އެދިފައެވެ. ތަޢުޒިޔާ ވިދާޅުވުމަށްޓަކައި ވަޑައިގަންނަވާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:30 އާއި ދެމެދު، އެ އެކެޑެމީގައެވެ.

ނަދުވީ އަވަހާރަވެފައި ވަނީ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

އިސްލާމީ އިލްމާއި، ޕޮލިޓިކަލް ސައިންސްގެ އިތުރުން އަދަބިއްޔާތުގެ ދާއިރާއިން ތަޢުލީމް ހާސިލްކުރައްވާފައިވާ ނަދުވީ އަކީ ދިވެހި ބަހާއި ތާރީޚަށް ހިދުމަތް ކުރާ މަރުކަޒުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް މުހައްމަދު އަމީން ކިޔަވާ ވިދާޅުވި އިންޑިއާގެ އަލީގަޅު މުސްލިމް ޔުނިވާސިޓީ އިން މާސްޓަރސް ހާސިލްކުރެއްވި ނަދުވީ ވަނީ ފަތްތޫރު ފަދަ މަޖައްލާތަކަށްވެސް ލިޔުއްވާފައެވެ. ނަދުވީ އަވަހާރަވީ އިރު ހުންނެވީ ދިވެހިބަހުގެ އެކެޑެމީގެ ތާރީޚު ބައިގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައެވެ.