ސަލްމާން ހާންގެ ފިލްމްތަކަށް ލޯބި ކުރާ ފަރާތްތަކަށް މި އަހަރުގެ ތެރޭގައި އޭނާގެ ފިލްމެއް ބަލާލުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
އެހެންވެ ދެން ޖެހެނީ އަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް އިންތިޒާރެއްކޮށްލާށެވެ. ސަލްމާން މިހާރު ކުޅެމުން އަންނަ "މެންޓަލް" އަންނަ ޖެނުއަރީގައި ރިލީޒް ކުރަން ނިންމި ނަމަވެސް، ވަކި ތާރީހެއް އަދި ކަނޑައެއް ނާޅަ އެވެ.
ސަލްމާންގެ ފިލްމެއް މިއަހަރު ބެލުންތެރިންނާ ހަމައަށް ނައި ނަމަވެސް އިއްޔެ ރިލީޒް ކުރި ޕްރިތީ ޒިންތާގެ "އިޝްގް އިން ޕެރިސް" ގެ ލަވައަކުން ސަލްމާން ފެނިގެން ދާނެ އެވެ.
ސަލްމާންގެ ކޮއްކޮ ސޮހައިލް ހާން ޑައިރެކްޓް ކުރާ "މެންޓަލް" އަކީ 2006 ވަނަ އަހަރުގެ ތެލެގޫ ފިލްމް "ސްޓާލިން" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. އެ ފިލްމްގެ ލީޑް ރޯލް އަދާކޮށްފައި ވަނީ ސައުތުގެ އެކްޓަރު ޗިރަންޖީވީ އެވެ. ޗިރަންޖީވީގެ ރޯލް "މެންޓަލް" ގައި ކުޅެނީ ސަލްމާނެވެ.
މި ފިލްމްގެ ބަތަލާއިންނަކީ ބޮލީވުޑަށް އަލަށް ތައާރަފްވާ އަދި ސަލްމާން ހޯސްޓް ކުރި "ބިގް ބޮސް" ގެ ހަ ވަނަ ސީޒަނުން ފެނިގެން ދިޔަ ސަނާ ހާނާއި ޑެއިޒީ ޝާހް އެވެ.
މީގެ އިތުރުން ސަލްމާންގެ ދައްތަގެ ރޯލުން ތާބޫ ފެނިގެންދާ އިރު، ފިލްމްގެ މުހިއްމު ރޯލްތަކުން މުކުލް ދޭވް އާއި އަޝްމިތު ޕަޓޭލް ވެސް ފެނިގެން ދާނެ އެވެ.