Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ޔާމީން އާއި އުމަރު ހައްޔަރުކުރަން ގޮވާލައިފި

ރައީސް ޔާމީން އަދި އުމަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހައްޔަރުކުރަން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ގޮވާލައިފިއެވެ.

ނަޝްވާ މިކަމަށް ގޮވާލީ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާގައި، އެ ލޯންޗުގެ ތެރެއިން އަލިފާން ނުފެންނަ ވީޑިޔޯ އެއް ސަންގު ޓީވީން ރޭ އާއްމުކުރުމާ ގުޅިގެން ކުރި ޓްވީޓެއްގައެވެ.

ނަޝްވާ ވިދާޅުވި ގޮތުގައި އެ ހާދިސާއާ ގުޅިގެން އެ ލޯންޗުގެ ތެރެއިން އަލިފާން ފެންނަ ކަމަށް ބުނެ މީގެކުރިން އާއްމުކުރި ވީޑިޔޯ އަކީ އެޑިޓެއް ކަމަށެވެ. އަދި އެއީ ޔާމީން އުމަރު ނަސީރު ލައްވާ ކުރުވާފައިވާ ކަމަށްވެސް ނަޝްވާ ތުހުމަތު ކޮށްފައިވެއެވެ.

ޔާމީންގެ ޝިކާރައަކަށްވި އެހެން ސިޔާސީ ބޭފުޅުންގެ މައްސަލަތައް ރިވިއު ކުރެވުނު ގޮތަށް ލޯންޗުގެ ހާދިސާ ވެސް އަލުން ރިވިއުކުރަން ޖެހޭ ކަމަށްވެސް ނަޝްވާ ވިދާޅުވިއެވެ.

"މި ޑްރާމާގެ ޝިކާރައަކަށްވި އެންމެންނަށް އިންސާފު ލިބެންޖެހޭ. ޔާމީން އާއި އުމަރު ހައްޔަރުކުރޭ" ނަޝްވާ ވިދާޅުވިއެވެ.

ލޯންޗް ގޮއްވާލި ދުވަހު ނަގާފައިވާ ވީޑިޔޯގެ ރޯ ފޫޓޭޖް ކަމަށް ބުނާ ވީޑިޔޯއެއް ސަންގު ޓީވީން ރޭ އާއްމުކޮށްފައިވާއިރު، އެ ހާދިސާގެ ރޯ ފުޓޭޖު އެއްވެސް ބަޔަކަށް ނުލިބޭނެކަމަށް އުމަރު މިއަދު ވަނީ ވިދާޅުވެފައެވެ.

އުމަރު ވިދާޅުވި ޝަރީއަތަށް ހުށަހެޅުމަށް ހޯދާފައި ހުންނަ ހެކި ތަކަކީ ފުލުހުންގެ ފޮރެންސިކް ލެބްގައި ރައްކާ ކުރެވިފައިވާ ތަކެތި ކަަމަށާއި އެތަކެތި ފުލުހުންނަށްވެސް އަދި ރައީސް އޮފީހަކަށްވެސް ނުލިބޭނެކަމަށެވެ. އަދި އެތަކެތި ލިބޭނީ ޗޭން އޮފް ކަސްޓަޑީ ފުރިހަމަކޮށްގެން ކަމަށާއި، އެކަމަށް ހާއްސަ އުސޫލުތަކެއް ހެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ފިނިފެންމާ ލޯންޗުގައި އެއްްޗެއް ގޮވުމުގެ ސަބަބުން ދުން އެރިއިރު އެތަނުގައި އަލިފާން ހުރިކަމަށެވެ. އަދި އެކަން ދެނެގަނެވޭނީ ވީޑިއޯ ލަސްކޮށް ޕްލޭކޮށްގެން ކަމަށެވެ.