Last Updated: June 8, 11:47
Monday, June 8, 2026
ޚަބަރު

އަދީބު އަނބުރާ ޖަލަށް ގެންގޮސްފި

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ސިއްހީ ހާލު ހުރި ގޮތުން ގޭބަންދަށް ބަދަލުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

ފުލުހުންގެ ސެކިއުރިޓީއާ އެކު އަދީބު އަނބުރާ ޖަލަށް ގެންދިޔައީ ކަރެކްޝަނަލް ސާވިސްގެ ވެހިކަލެއްގައެވެ.

އަދީބު އަނބުރާ ޖަލަށް ގެންދަން އޭނާ ދިރިއުޅުއްވާ ގެކޮޅު ކައިރީ ފުލުހުން ހަރަކާތްތެރިވި ވަގުތު އަދީބަށް ސަޕޯޓުކުރާ ބައެއް ފަރާތްތަކުން ވަނީ އެސަރަހައްދަށް އެއްވިއެވެ.

ބޮޑު އޮޕަރޭޝަނަކަށް ފަހު އަދީބު ގޭގައި ހުރެގެން ފަސޭހަވުމަށް ޑޮކްޓަރުން ލަފާ ދެއްވުމުން މިސަރުކާރުގައި ގެއަށް ބަދަލުކުރިއެވެ. އެފަހުން އަދީބު އިސްކޮށް ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދައި، އެޕާޓީގެ ރައީސްކަމަށް އަދީބު ވަނީ ގެނެސްފައެވެ.

އަދީބު އަނބުރާ ޖަލަށް ގެންގޮސްފައިވާއިރު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދު ވަނީ އަދީބުގެ ޖަލު ހުކުމް ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ އާއި ދެ ފިސްތޯލަ އާއި ގޮވާ ތަކެތި ގެންގުޅުނު މައްސަލަ އާއި އަދި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ މައްސަލަ ސާބިތުވެފައިވާތީ، އަދީބުގެ މައްޗަށް މިހާރު ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މީގެއިތުރުން ވެސް އިތުރު ދައުވާތަކެއް އަދީބުގެ މައްޗަށް އުފުލާފައިވާއިރު، އެ މައްސަލަތަށް ކޯޓުގައި މިހާރު ވެސް ދަނީ ކުރިއަށެވެ.