Last Updated: June 17, 12:00
Wednesday, June 17, 2026
ޚަބަރު

އަދީބު ހައްޔަރުކުރުމަކީ ޒާތީ ކަމެއް: ނަޝްވާ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރުކުރުމަކީ ޒާތީ ކަމެއް ކަމަށް، އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ބުނެފި އެވެ.

ނަޝްވާ މިހެން ބުނެފައި ވަނީ ދާދި ދެންމެއަކު ކުރި ޓްވީޓެއްގަ އެވެ.

އަދީބު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް ފޮޓޯތަކެއް އެޓޭޗްކޮށް ނަޝްވާ ކުރި ޓްވީޓްގައި ބުނެފައި ވަނީ އެ ފޮޓޯޓަކުން އަދީބު ގޭބަންދަށް ބަދަލުކުރަން ޖެހުނު ޙާލަތު ސާފުވާނެ ކަމަށެވެ.

"އަދީބު ގޭބަންދަށް ބަދަލުކުރެވުނީ 28 ޖެނުއަރީގެ ނިޔަލަށް. މުއްދަތު ހަމަވުމުގެ ކުރިން."، ނަޝްވާގެ ޓްވީޓްގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، ނަޝްވާ ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ނުކޮށް އަދީބު ހައްޔަރު ކުރުމަކީ ދެފުށް ފެންނަ ސަރުކާރުން ކުރި، ވަރަށް ޒާތީ، ލާއިންސާނީ އަދި އަނިޔާވެރި ޢަމަލެއް ކަމަށެވެ.

ނަޝްވާ މިހެން ބުނިއިރު، ބަލި ޙާލަތު ހުންނެވި ގޮތުން މިދިޔަ ނޮވެމްބަރު މަހު އަދީބު ގޭ ބަންދަށް ބަދަލުކޮށްފައިވަނިކޮށް، މިރޭގެ ވަގުތެއްގައި ކަރެކްޝަންސް އިން ވަނީ އަދީބު އަނބުރާ ޖަލަށް ގެންގޮސްފައެވެ.