ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު ގޭބަންދުގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު އަލުން ޖަލަށް ބަދަލުކުރީ ގޭބަންދުގައި ބެހެއްޓުމަށް ޑޮކްޓަރުން އިރުޝާދު ކުރި މުއްދަތު ހަމަވުމުން ކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދީބު ގޭ ބަންދަށް ބަދަލުކުރަން ޑޮކްޓަރު ލަފާ ދެއްވީ ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން ހުސްވި ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހަށް އެ މުއްދަތު ހަމަވެފައިވާ ކަމަށާއި އޭގެ ފަހުން ގޭބަންދުގެ މުއްދަތު އިތުރުކުރަން ލަފާއެއް އަރުވާފައި ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އެއްވެސް މީހަކަށް ލިބެން ޖެހޭ އަސާސީ ހައްގަކުން، ނުވަތަ އިންސާނީ ހައްގަކަށް މިސަރުކާރުން އަރައި ނުގަންނާނެ ކަމަށާއި ބޭސް ފަރުވާގެ ކަންކަން ދައުލަތުން އޮންނަ އުސޫލެއްގެ ދަށުން ބަލަމުން އަންނާނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
ރޭ އަދީބު ޖަލަށް ބަދަލުކުރުމާ ގުޅިގެން އެމްޓީޑީގެ ސަޕޯޓަރުން ވަނީ އަދީބު ޖަލަށް ގެންދިޔައީ ގޭބަންދުގެ މުއްދަތު ހަމަވުމުގެ ކުރިން ކަމަށާއި އަލުން ގެއަށް ބަދަލުކޮށްދިނުމަށް ގޮވާލާފައެވެ. އެގޮތުން ޕާޓީގެ ނައިބު ރައީސް ޔާމީން ރަޝީދު ވިދާޅުވީ ޑޮކްޓަރު ލަފާ އެރުވީ މިހިނގާ ޖެނުއަރީ މަހުގެ 28 ވަނަ ދުވަސް ވަންދެން އަދީބު ގޭގައި ބަހައްޓައިގެން ފަރުވާ ކުރުމަށް ކަމަށެވެ.
އަދީބު ގެއަށް ބަދަލުކުރީ ބޮޑު އޮޕަރޭޝަނެއް ކުރުމަށް ފަހު ރިކަވާ ކުރަން ޖަލު ގޮޅި އެކަށީގެން ނުވާތީ ގޭގައި ހުރެގެން ފަސޭހަ ވުމަށް ޑޮކްޓަރު ލަފާ ދެއްވުމުންނެވެ.