Last Updated: June 8, 11:47
Monday, June 8, 2026
ޚަބަރު

ތާރު މަގުތައް މަރާމާތުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެ: މޭޔަރ

އައްޑޫ ސިޓީގެ ތާރު އަޅާފައިވާ މަގުތަކުގައި ހެދިފައިވާ ބޮޑެތި ވަޅުގަނޑުތަކާއި، މަގު ކެނޑުމަށް ފަހު ހެދިފައިވާ ވަޅުގަނޑުތަކަށް ތާރު އަޅައި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާގައި ފެށޭނެ ކަމަށް މޭޔަރ އަބްދުﷲ ސޯދިގް ވިދާޅުވެއްޖެއެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ދެއްވަމުން ސޯބެ ވިދާޅުވީ މަގުތަކުގެ މަސައްކަތް ލަސްވަމުން ދަނީ ބައެއް މެޝިނަރީސްތައް ހަލާކުވެފައި ތިބުމާއި ބައެއް އެއްޗެހި އައްޑޫގައި ނެތުމުން ކަމަށެވެ. "މަގު އެއްވަރުކުރުމަށް ބޭނުންކުރާ އުޅަނދު ވަނީ މެއިންޓެނެންސެއްގެ ދަށުގައި. ތާރު އަޅާ މެޝިން ވެސް ހުރީ މައްސަލަ ޖެހިފައި. ފެށޭ ހަފްތާގައި މިމައްސަލަތައް ހައްލުވާނެ ކަމަށް މިބެލެނީ. އިރާދަކުރެއްވިއްޔާ ފެށޭ ހަފްތާގައި މަސައްކަތް ވެސް ފެށިގެން ދާނެ،" ސޯބެ ވިދާޅުވިއެވެ.

އައްޑޫގެ މަގުތަކުގައި، ޚާއްސަކޮށް އެންމެ ގިނަ މީހުން ބޭނުންކުރާ ބޮޑު މަގާއި ލިންކު ރޯޑުގައި މިފަދަ ވަޅުގަނޑުތައް ގިނަވެ ދުއްވާ ފަރާތްތަކަށް ދުއްވުމުގައި ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. މައްސަލަތައް ހައްލުނުވެ ގިނަ ދުވަސްވަމުން ދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.