ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ ގިލި ލަންކަންފުށި ރިސޯޓުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 7 ވިލާއެއްގައި ރޯވެ އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ފަސް ތަރީގެ މި އަގުބޮޑު ރިސޯޓުގައި ރޭ ރޯވި އަލިފާންގަނޑުގެ ސަބަބުން އާ އަހަރަށް އެއްކޮށް ފުލް ވެފައި އޮތް ރިސޯޓުގެ ހުރިހާ ގެސްޓުންނާއި ހޯސްޓުން ވަނީ ރިސޯޓުގެ ޚަރަދުގައި އެހެން ރިސޯޓުތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައެވެ.
ނަމަވެސް އެއްވެސް ގެސްޓަކަށް އަދި މުވައްޒަފަކަށް ވެސް އަލިފާނުގެ އަސަރެއް ކޮށްފައެއް ނުވެއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ ދުމުގެ އަސަރު ކޮށްގެން ރިސޯޓުގެ ދެ މުވައްޒަފަކަށާއި އަލިފާންގަނޑު ނިއްވުމުގައި ހަރަކާތްތެރިވި މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށެވެ. ނަމަވެސް ބޮޑު އަނިޔާއެއް އެއްވެސް މީހަކަށް މިހާދިސާގައި ދިމާވެފައެއް ނުވެއެވެ.
އެޗްޕީއެލް އިން ހިންގަމުން އަންނަ ރިސޯޓުގެ އަނދާފައިވާ ވިލާތައް އަލުން ހެދުމަށް ބޮޑު ޚަރަދެއް ދާނެއެވެ. އެނގިފައިވާ ގޮތުގައި ބައެއް ވިލާތަކަކީ ރެއަކަށް 5،000 ޑޮލަރުގެ އަގުން އަގުކުރެވޭ ވިލާތަކެވެ.