Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

ވ އަދި ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެ، ވ އަތޮޅުން ފެށިގެން ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެެރެފިއެވެ.

މިރަށްތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ފަތިހު 05:50 އިން ހެދުނު 11:00 ގެ ނިޔަލަށެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި އެ ސަރަހައްދަށް ގަދަވަޔާއެކު ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.

އަދި އޭގެ އިތުރުން ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އޭގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ވައިޖެހޭނީ އިރުއުތުރާއި އިރުން، އުތުރާއި މެދުތެރޭގެ އަތޮޅު ތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާއިބެހޭ އިދާރާއިން ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު އުތުރާއާއި މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ.