ތިރީސް ތިން އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ ރައީސް، އަހުމަދު އަދީބު ގޭބަންދުން ކުއްލި ގޮތަކަށް ޖަލަށް ބަދަލު ކުރުން އެޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެމްޓީޑީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަދީބުގެ ބޭސްފަރުވާގެ ކަންކަމަށް އެއްބާރުލުންދީ، ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ގޭގައި ބަހައްޓައިގެން ބޭސް ފަރުވާ ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެފައިވާތާ މާ ގިނަ އިރުތަކެއް ނުވެ އަދީބުގެ ސިއްހީ ހާލަތަށް ބެލުމެއް ނެތި ޖަލަށް ބަދަލުކުރުން ބަލައިނުގަނެވޭނެ ކަމަށެވެ.
ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލައި، އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން ޑޮކްޓަރުން ދީފައިވާ ލަފަޔަށް އަމަލު ކުރުމަށް އެޕާޓީން ވަނީ މިބަޔާނުގައި ގޮވާލާފައެވެ.
އަދީބު ޖަލަށް ބަދަލުކުރުމާ ގުޅިގެން ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ވިދާޅުވީ ޑޮކްޓަރުން އިރުޝާދު ދެއްވީ ދެ މަސް ދުވަހަށް އަދީބު ގޭބަންދުގައި ބެހެއްޓުމަށް ކަމަށެވެ. އެގޮތަށް އިރުޝާދު ދެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު 24 ގައި ކަމަށާއި ޑިސެމްބަރު 24 އަށް އެމުއްދަތު ހަމަވާނެ ކަމަށެވެ.
މުއްދަތު އިތުރުކުރުމަށް އެއްވެސް ޑޮކްޓަރެއްގެ ލަފާ ލިބިފައިނުވާ ކަމަށާއި އެހެންކަމުން އަދީބު އިތުރަށް ގޭބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް އިމްރާން ވިދާޅުވިއެވެ. މިސަރުކާރުން އެއްވެސް މީހެއްގެ ހައްގަކަށް އަރައި ނުގަންނާނެ ކަމަށާއި ބޭސްފަރުވާ ކުރުމުގެ ކަންކަން ހުރިހާ ގައިދީންނަށް ވެސް އޮންނަ އުސޫލުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އަދީބު ގޭބަންދަށް ބަދަލުކުރީ ބޮޑު އޮޕަރޭޝަނަކަށް ފަހު ނޮވެމްބަރު 27 ވަނަ ދުވަހު ޑޮކްޓަރު އިރުޝާދު ދިނުމުންނެވެ. ދެމަސް ދުވަސް ހަމަވާނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށް އާއިލާ އިން ވަނީ ބުނެ، އަދީބު އެދުވަސް ޖެހެންދެން ގޭގައި ބެހެއްޓުމަށް އެދިފައިވެއެވެ.