ރާއްޖެ އަންނަ ކްރޫޒްލައިނަރތަކަށް މާލެއާ 0.6 ނޯޓަލް ބޭރުން ބަނދަރުކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބޭރު ޤައުމްތަކުން ރާއްޖެ އަންނަ ކްރޫޒްލައިނަރތައް ބަނދަރުކުރަން ޖެހޭ ސަރަޙައްދު ދުރުވުމުގެ ސަބަބުން ފަތުރުވެރިން މާލެ ގެނައުމުގައި ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާކަން ފާހަގަކޮށް، އެ ފަރާތްތަކުން އެކަން އެ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ކުރިން ވެސް ބަނދަރުކުރަމުން އައި (މާލެއާ 0.6 ނޯޓިކަލް ބޭރުން) ސަރަޙައްދަށް ބަދަލުކޮށްދިނުމަށް އެފަރާތްތަކުން އެދިފައިވާ ކަމަށާއި، އެހެންކަމުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށް، އެ ފަރާތްތަކުގެ ލަފައާއެކު، ރާއްޖެ އަންނަ ކްރޫޒްލައިނަރތައް ކުރިންވެސް ބަނދަރުކުރަމުން އައި ސަރަޙައްދުގައި ބަނދަރުކުރެވޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ރާއްވަވާފައިވާ ކަންކަމުގެ ތެރެއިން، ޓޫރިޒަމް މިނިސްޓްރީ އާއި ހަވާލުވެފައިވާ ހުރިހާ ކަމެއް ޙާސިލްކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން އެ މިނިސްޓްރީ އާއި ހަވާލުކޮށްފައި ވަނީ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކަނޑައަޅާ ބަޖެޓް ތިން ގުނަ އިތުރުކުރުމާއި، ގެސްޓްހައުސް ސިމްޕޯސިއަމްއެއް ބޭއްވުމެވެ.