ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާން އަންނަ ހަފްތާގައި އާންމުކުރައްވާނެ ކަމަށް އެ އޮފީހުން ބުނެފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރެއިން ފުރަތަމަ 30 ދުވަހު ހާސިލްވި ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ މަޝްވަރާގެ މަތިން، އެ އޮފީހުގެ ސިޔާސީ މަޤާމްތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާން އާންމުކުރަން ނިންމަވާފައިވާ ކަމަށެވެ.
ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ ސަރުކާރުގެ ވެރިންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި އެބޭފުޅުންގެ އަނބިން އަދި ފިރިންގެ މާލީ ބަޔާން ހާމަކޮށް ރިވިއުކުރުމަށް ވަޒީރުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހު އެވެ. އަދި ރައީސް އޮފީހުގެ ސިޔާސީ މަޤާމްތަކަށް އައްޔަންކުރައްވާ ބޭފުޅުންގެ މާލީ ބަޔާނާއި ކުށުގެ ރެކޯޑް ސާފު ކުރުމަށް ޚާއްސަ ފޯމެއް ވެސް ރައީސް އޮފީހުން ވަނީ ތައާރަފްކޮށްފަ އެވެ.