ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް (ޓީއެންޖީއެސް) އިން އައްޑޫ ސިޓީގައި ފުޓްބޯޅަ ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.
މި ހިނގާ ޖެނުއަރީ މަހުގެ 4-9 އަށް ބާއްވާ ބި ކޭމްޕްގައި އުމުރުން 14 އަހަރާއި، 16 އަހަރާ ދެމެދުގެ ކުދިން އަދި 16 އަހަރާއި، 18 އަހަރާ ދެމެދުގެ ކުޅުންތެރިން ބައިވެރިވާނެއެވެ. އަދި މި ކޭމްޕް އޮންނާނީ އައްޑޫ ސިޓީ ހިތަދޫ ސްޓޭޑިއަމްގަ އެވެ.
އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގް (މަރޭ) އާއި ހަވަލާދީ "ރާއްޖެއެމްވީ" އިން ރިޕޯޓްކުރާ ގޮތުގައި، މިއީ 2015 ވަނަ އަހަރު ޓީއެންޖީ އާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ކޭމްޕެއް ކަމަށެވެ.
އަދި ހުކުރު ދުވަހު ފަށާ މި ފުޓުބޯޅަ ކޭމްޕްގައި ކޯޗިން ކޯހެއް ހިންގޭނެ ކަމަށާއި، އެ ކޯޗިން ކޯހުގެ ދަށުން ވެލެންސިއާގެ ޕޮލިޓެކްނިކް ޔުނިވާސިޓީގެ ސެޓްފިކެޓެއް ވެސް ލިބިގެންދާނެ ކަމަށް މަރޭ ވިދާޅުވި އެވެ.
މީގެ އިތުރުން މި ކޭމްޕްގެ މަޤްސަދަކީ އައްޑޫގައި ޒުވާން ކުޅުންތެރިން އުފައްދާ، އެ ކުޅުންތެރިން ބައިނަލްއަގުވާމީ ލެވެލްގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުން ކަމުގައި ވެސް މަރޭ ވިދާޅުވި އެވެ.
މި ކޭމްޕުން ހޮވާ އެންމެ މޮޅު ކުޅުންތެރިޔަކާއި، އެންމެ މޮޅު ކޯޗު 10 ދުވަހުގެ ތަމްރީން ޕްރޮގްރާމަކަށް ސްޕެއިންގެ ވެލެންސިއާއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
ޓީއެންޖީ ސްޕޯޓްސްއިން އައްޑޫގައި ބައިނަލްއަގުވާމީ ފުޓުބޯޅަ އެކަޑަމީއެއް ހެދުމަށް ތައްޔާރުވަމުން އަންނައިރު، މިއީ އޭގެ ތެރެއިން ފުރަތަމަ ކުރިއަށްގެންދާ ޕްރޮގްރާމެވެ.
