Last Updated: June 17, 11:00
Wednesday, June 17, 2026
ޚަބަރު

އަދީބުގެ އަނބިކަނބަލުން ނަޝްވާ، މިނިސްޓަރ އިމްރާން އަށް ރައްދު ދެއްވައިފި

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު ގޭބަންދުގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު އަލުން ޖަލަށް ބަދަލުކުރީ ގޭބަންދުގައި ބެހެއްޓުމަށް ޑޮކްޓަރުން އިރުޝާދު ކުރި މުއްދަތު ހަމަވުމުން ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ރައްދުދެއްވައިފި އެވެ.

ނަޝްވާ، މިނިސްޓަރ އިމްރާން އަށް ރައްދުދެއްވާފައި ވަނީ މިއަދު ކުރި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ނަޝްވާ ބުނެފައި ވަނީ އަދީބުގެ ސާޖަރީ ހަދާފައިވަނީ 19 ނޮވެމްބަރ 2018 ގައި ކަމަށާއި، ހޮސްޕިޓަލުން ޑިސްޗާޖުކޮށްފައި ވަނީ 27 ނޮވެމްބަރ 2018 ގައި ކަމަށެވެ. އަދި ސާޖަރީ އަށްފަހު "އާފްޓަރ ކެއަެ" އަދި "ރިކަވަރީ" އަށް އަދީބު އެއްވެސް ހާސްކަމެއް ނެތް މާހައުލެއްގައި، އަދި އާއިލާގެ ބެލުމުގެ ދަށުގައި ބެހެއްޓެވުމަށް ޑޮކްޓަރު ލަފާ ދެއްވާފައި ވަނީ 6-8 ހަފްތާއަށް ކަމަށްވެސް ނަޝްވާގެ ޓްވީޓްގައި ބުނެފައި ވެއެވެ.

"އަޅުގަނޑު އަތުގައި ޑޮކިއުމެންޓައް އެބަހުރި"، ނަޝްވާގެ ޓްވީޓްގައި ވެއެވެ.

ނަޝްވާ މިހެން ބުނެފައިވާއިރު، ހޯމް މިނިސްޓަރ އިމްރާން މިއަދު ވިދާޅުވީ އަދީބު ގޭ ބަންދަށް ބަދަލުކުރަން ޑޮކްޓަރު ލަފާ ދެއްވީ ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން ހުސްވި ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހަށް އެ މުއްދަތު ހަމަވެފައިވާ ކަމަށާއި އޭގެ ފަހުން ގޭބަންދުގެ މުއްދަތު އިތުރުކުރަން ލަފާއެއް އަރުވާފައި ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި އެއްވެސް މީހަކަށް ލިބެން ޖެހޭ އަސާސީ ހައްގަކުން، ނުވަތަ އިންސާނީ ހައްގަކަށް މިސަރުކާރުން އަރައި ނުގަންނާނެ ކަމަށާއި ބޭސް ފަރުވާގެ ކަންކަން ދައުލަތުން އޮންނަ އުސޫލެއްގެ ދަށުން ބަލަމުން އަންނާނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.