ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނާ ގޮތުގައި އެ މަޤާމަށް އައްޔަންކުރައްވާފައި ވަނީ ފުވައްމުލަކު ސިޓީ މާދަޑު. ނަޒާ، ޝާފިޢު ޢަލީ އެވެ.
ޝާފިޢު ޢަލީ އަކީ މީގެ ކުރިން ތައުލީމީ ދާއިރާގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ޓީޗަރެއްގެ ގޮތުގައި ޝާފިޢު ޢަލީ މަސައްކަތް ކުރައްވާފައިވެއެވެ. އަދި އެ މަރުކަޒުގެ ލީޑިންގ ޓީޗަރެއްގެ ގޮތުގައިވެސް ޝާފިޢު ޢަލީ ވަނީ މަސައްކަތް ކުރައްވައިފައެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީ، އައިޑިއަލް ސްކޫލްގެ ޕްރިންސިޕަލް ކަންވެސް ޝާފިޢު ޢަލީ ކުރައްވާފައިވެއެވެ.
ޝާފިޢު ޢަލީ ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއިން "ބެޗެލަރ އޮފް ޓީޗިންގ – ސެކަންޑަރީ" ހާސިލު ކުރައްވާފައެވެ.