Last Updated: June 17, 11:00
Wednesday, June 17, 2026
ޚަބަރު

މޯލްޑިވިއަންގެ ދަތުރުތަކުގައި ލުއި ކާނާއެއް ދޭން ފަށަނީ

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތަކުގައި ލުއި ކާނާއެއް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒިޒްވީ އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި ދަތުރުމަތީގައި ދޭ އެފަދަ ޚިދުމަތްތަކަށް ޚާއްސަ ޑިޕާޓްމަންޓެއް މިހާރު އުފައްދާފައިވާ ކަމަށާއި، ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ދަތުރުމަތީގައި ލުއި ކާނާއެއް ދޭން ފެށޭ ވަރު ވާނެ ކަމަށެވެ.

މޯލްޑިވިއަން އިން ގިނައިން ކުރަނީ 30-40 މިނެޓާއި ދެމެދުގެ ދަތުރުތައްކަން ފާހަގަކުރައްވައި ރިޒްވީ ވިދާޅުވީ، ދަތުރުތައް ކުރުވުމުގެ ސަބަބުން އެފަދަ ޚިދުމަތެއް ދޭން ދަތިވާ ކަމަށާއި، ނަމަވެސް، އެކަން ކުރާނެ ކޮންމެވެސް ގޮތެއް ހަމަޖެއްސޭތޯ ބަލަމުންދާ ކަމަށެވެ.

މޯލްޑިވިއަންގެ ދަތުރުވެރިންނަށް ލުއި ކާނާއެއް ދިނުމަށް ނިންމާފައިވާއިރު، އެ އެއާލައިނުން ވަނީ އެތެރޭގެ އުދުހުންތަކުގެ އަގު 25% އާއި 30% އާއި ދެމެދުގެ އަދަދަކަށް ކުޑަކޮށް، މި މަަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ފެއާތަކަށް ޢަމަލުކުރަން ފަށާނެ ކަމަށް އިއްޔެ އިއުލާންކޮށްފަ އެވެ.

އަދި ޓިކެޓްގެ އަގު ހެޔޮކުރީ އެ ކުންފުނީގެ ބައެއް ޚަރަދުތައް ކުޑަކޮށްގެންކަން ފާހަގަކުރައްވައި ރިޒްވީ ވިދާޅުވީ، ޓިކެޓްގެ އަގު ކުޑަކުރި ނަމަވެސް، ޚިދުމަތުގެ ފެންވަރު ދަށް ނުވާނެ ކަމަށެވެ. އަދި އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ކުރިއަށްވުރެ ރަނގަޅު ކުރުމަށް އަމާޒުކުރާ ކަމަށްވެސް ރިޒްވީ ވިދާޅުވި އެވެ.