ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނުރަސްމީ ދަތުރުފުޅެއްގައި އަވަށްޓެރި ސްރީ ލަންކާ އަށް ފުރާވަޑައިގެންފި އެވެ.
ރައީސް މިއަދު ލަންކާ އަށް ފުރާވަޑައިގެންނެވިއިރު، އެމަނިކުފާނު ވަނީ ލަންކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މޭޖަރ ޖެނެރަލް (ރިޓަޔާޑް) ތޮރަޑެނިޔާ އާއި ވެސް ބައްދަލުކުރައްވައިފަ އެވެ.
އެގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި ލަންކާ އާއި ދެމެދު އޮންނަ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވަނީ ލަންކާ އަކީ ދިވެހިރާއްޖޭގެ އެންމެ ގާތް އެއް ރަހުމަތްތެރިޔާ ކަމަށާއި، ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް ވަނީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްކުރެވުނުތާ 54 އަހަރު ފުރުނުއިރު، ލަންކާ އިން ރާއްޖެއާއި މެދު ބަހައްޓާ ގާތްކަން ވެސް ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ތޮރަޑެނިޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ މަސައްކަތުގެ މައިދާނުގައި ލަންކާގެ ގިނަ ރައްޔިތުން މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވާކަން ފާހަގަކުރައްވައި، ރާއްޖޭގައި މިހާރުވެސް ލަންކާގެ ގިނަ ރައްޔިތުންނެއް މަސައްކަތް ކުރުމަކީ އޭގެ ހެއްކެއްކަން ފާހަގަކުރައްވާފައެވެ.