ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސްރީ ލަންކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފއި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މޭޖަރ ޖެނެރަލް (ރިޓަޔާޑް) ތޮރަޑެނިޔާ އާއި ބައްދަލުކުރައްވައިފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި ލަންކާ އާއި ދެމެދު އޮންނަ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވަނީ ލަންކާ އަކީ ދިވެހިރާއްޖޭގެ އެންމެ ގާތް އެއް ރަހުމަތްތެރިޔާ ކަމަށާއި، ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް ވަނީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްކުރެވުނުތާ 54 އަހަރު ފުރުނުއިރު، ލަންކާ އިން ރާއްޖެއާއި މެދު ބަހައްޓާ ގާތްކަން ވެސް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ސްރީ ލަންކާގެ އެކި ބޭފުޅުން ރާއްޖެއަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކުރައްވައި، ތަޢުލީމާއި ބޭސްފަރުވާ އަށްޓަކައި އެޤައުމުގައި ދިރިއުޅޭ 10،000 އަށްވުރެ ގިނަ ދިވެހިންނަށް އަދާކުރަމުން އަންނަ މެހުމާންދާރީ އަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ތޮރަޑެނިޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ މަސައްކަތުގެ މައިދާނުގައި ލަންކާގެ ގިނަ ރައްޔިތުން މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވާކަން ފާހަގަކުރައްވައި، ރާއްޖޭގައި މިހާރުވެސް ލަންކާގެ ގިނަ ރައްޔިތުންނެއް މަސައްކަތް ކުރުމަކީ އޭގެ ހެއްކެއްކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހު އަށް ލިބިވަޑައިގެންނެވި ކާމިޔާބީ އިން ރަމްޒުކޮށްދެނީ ދިވެހި ރައްޔިތުންގެ ނިންމުން ކަމުގައި ވެސް ސަފީރު ވިދާޅުވި އެވެ.