Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ޖާންވީއާއި އިޝާންގެ ދެމެދު ލޯބީގެ ގުޅުމެއް ނެތް ކަމަށް ޖާންވީ ބުނެފި

މަޝްހޫރު ފިލްމީ ތަރި ސްރީދޭވީގެ ދަރިފުޅު އަދި ފިލްމް "ދަޅަކް" ގެ ބަތަލާ ޖާންވީ ކަޕޫރު އޭނާއާއެކު އެ ފިލްމުގައި ފެނިގެން ދިޔަ އިޝާން ޚައްތަރް އާއި ދެމެދު އެއްވެސް ލޯބީގެ ގުޅުމެއް ނެތްކަމަށް ޖާންވީ ބުނެފިއެވެ.

މި ދެތަރިން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ފަތުރަމުން ދިޔަ ޚަބަރު ޖާންވީ ދޮގު ކޮށްފައިވަނީ ކަރަން ޖޯހަރްގެ ޓޯކް ޝޯވ އެއް ކަމަށްވާ "ކޮފީ ވިތް ކަރަން" ގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެމުންނެވެ.

އެ ޕްރޮގްރާމްގައި ޖާންވީ ވަނީ އިޝާންގެ އިތުރުން އޭނާއާއި ގުޅުން އޮންނަކަމަށް ވާހަކަ ދެކެވޭ އިތުރު ފަރާތެއް ކަމަށްވާ އޭނާގެ ކުޑައިރުއްސުރެ ގާތް އެކުވެރިއެއް ކަމަށްވާ އަކްޝަތު ރަޖަން އާއިވެސް އެކަހަލަ ގުޅުމެއް ނުވާ ކަމަށް ބުނެފައެވެ.

އެ ޕްރޮގްރާމްގައި ޖާންވީ އާއެކު އޭނާގެ އެއްބަފާ ބޭބެ އަރްޖުން ކަޕޫރު ވެސް ބައިވެރިވެފައިވެއެވެ. އަދި ސަމާސާ ކޮށްލުމަށް ކަމަށް ބެލެވޭ ފަދަ ގޮތަކަށް އޭނާ ވަނީ އިޝާން އަބަދު އޮންނަނީ ޖާންވީގެ ފަހަތުގައި ކަމަށް ބުނެފައެވެ. އެއަށް ޖަވާބު ދިނުމުގެ ގޮތުން ޖާންވީ ވަނީ އެއީ ހަމަ މީހުން ފަތުރާ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފައެވެ.

ޖާންވީ މިހާރު މަސައްކަތް ކުރަމުން ދަނީ ކަރަން ޖޯހަރުގެ ފިލްމް"ތަޚްތު"ގައެވެ، މި ފިލްމުގައި ޖާންވީ އާއެކު ކަރީނާ ކަޕޫރު ޚާން، އަނިލް ކަޕޫރު، ރަންވީރް ސިންގް، އާލިޔާ ބަޓް، ވިކީ ކޯޝަލް އަދި ބޫމީ ފެނިގެންދާނެއެވެ.