Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މަޖިލިސް އިންތިހާބަށްފަހު ކޯލިޝަނުގެ އަސްލު މަންޒަރު ފެންނާނެ: އުމަރު

އުމަރު ނަސީރު - ފޮޓޯ: ވީނިއުސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ސަރުކާރު ކޯލިޝަނުގެ އަސްލު މަންޒަރު ފެންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޗެނަލް 13 އިން ގެނެސްދޭ "ހުކުރަށްފަހު" ޕްރޮގްރާމްގައި ވާހަކަދައްކަމުން އުމަރު ވިދާޅުވީ ކޯލިޝަނުގެ ތެރޭގައި އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާދޭ މަންޒަރު މިހާރު ފެންނަމުންދާ ކަމަށާއި އެކަންކަން ކުރިއަށް އޮތް ތަނުގައި ވެސް އެގޮތުގައި ކުރިއަށްދާނެ ކަމަށެވެ. އަދި މަޖިލިސް އިންތިހާބަށްފަހު ކޯލިޝަނުގެ އަސްލު މަންޒަރު ފެނިގެންދާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"އަދި މި ފެންނަނީ ހަމައެކަނި ވިލާގަނޑުގެ ކޮޅިގަނޑު. ވިލާގަނޑުގައި އަންނަ ގަދަ ރާޅުތަކާއި އެއްޗެހި ފެންނާނީ މަޖިލިސް އިންތިހާބަށްފަހު" އުމަރު ވިދާޅުވިއެވެ.

އުމަރު މިހެން ވިދާޅުވިއިރު މަޖިލީހުގެ އިންތިހާބުގެ ގޮނޑިތައް ބެހުމުގައި ކޯލިޝަނުގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން މަޖިލިސް އިންތިހާބުގައި ކޯލިޝަނާއި ވަކިން 86 ދާއިރާ އަށް ވެސް ވާދަކުރަން ކޯލިޝަނުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީން ވަނީ ނިންމާފައެވެ.

މި ޕްރޮގްރާމްގައި އިތުރަށް ވާހަކަދައްކަމުން އުމަރު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ޖެހިލުންކުޑަ މީހަކު ގެންނަންޖެހޭ ކަމަށާއި ރައްޔިތުން އެފަދަ މީހެއް އިންތިހާބު ކުރާނެ ދުވަހަކަށް އިންތިޒާރު ކުރަމުންދާ ކަމަށެވެ. އަދި މީގެކުރިން ލީޑަރުންގެ ފަހަތުގައި މަސައްކަތް ކުރި ނަމަވެސް ދެން ކުރިއަށް އޮތް ތަނުގައި އެއްވެސް މީހެއްގެ ފަހަތުން ނުހިނގާނެ ކަމަށާއި ދެން މަސައްކަތް ކުރާނީ އަމިއްލަ ފައިމަތީގައި ހުރެގެން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"މި ގައުމުގައި ގޭންގުތަށް މީހުން މަރަމުން ގެންދަނީ. މި ގައުމުގެ ވެރިކަމަށް އެބަ ބޭނުންވޭ ކޮންމެވެސް ވަރެއްގެ ހަރުދަނާ މީހަކު. މި ގައުމުގައި 40،000 ބިދޭސީން އެބައުޅޭ ގަވާއިދާ ހިލާފަށް. މި ގައުމުގައި އިންޑިއާ ސިފައިން މިހާރު އެބަތިބި އަރާ. މި ހުރިހާ ކަމެއް ހަމަޖެއްސުމަށް ރާއްޖެ އަށް ޖެހިލުންކުޑަ މީހަކު ބޭނުންވާ ދުވަސް އަންނާނެ" އުމަރު ވިދާޅުވިއެވެ.

މީގެއިތުރުން އުމަރު ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު ދުވަހަކުވެސް މަސައްކަތް ނުކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އަދީބަކީ ރާއްޖެ އަށް ބޮޑެތި ގެއްލުންތަކެއް ދެއްވާފައި ހުންނެވި ބޭފުޅެއް ކަމަށް އުމަރު ވިދާޅުވިއެވެ.