Last Updated: June 17, 09:32
Wednesday, June 17, 2026
ޚަބަރު

މާލެއަށް ދަތުރުކުރި ލޯންޗެއްގެ އިންޖީން ހުއްޓިގެން އެމްއެންޑީއެފް އިން ޙަރަކާތްތެރިވެއްޖެ

އެނބޫދޫ ވިލެޖް ރިސޯޓް އިން ފުރައިގެން މާލެ ދަތުރުކުރި ލޯންޗެއްގެ އިންޖީން ހުއްޓިގެން އެމްއެންޑީއެފް އިން ޙަރަކާތްތެރިވެއްޖެ އެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދޭ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ "އެޓޯލް އެކްސްޕްރެސް" ނަމަކަށް ކިޔާ ލޯންޗެއްގެ، ވިލިމާލެގެ ދެކުނުން 1.3 ނޯޓިކަލް ބޭރުން އިންޖީން ހުއްޓިގެން ކަމަށެވެ. އަދި އެ ލޯންޗްގައި އެވަގުތު ތިބި ހަ ބިދޭސީން، މިއަދު އިރުއޮއްސި 18:30 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއްގައި މާލެ ގެނެސްދީފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މިއަދު ހެނދުނު ވެސް ދިޔަވަމުންދިޔަ ސަފާރީ އަކަށް އެމްއެންޑީއެފް އިން ވަނީ އެހީތެރިވެފައެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވެފައި ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ، މެޓް އޮފީހުން ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ދެކުނު އަތޮޅުތަކަށް ބޯކޮށްވާރޭވެހި އަދި މެދުތެރެއާއި އުތުރު އަތޮޅުތަކުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.