ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.
މިއަދު ހެނދުނުން ފެށިގެން އައްޑޫ އަށް ބޯކޮށް ވާރޭ ވެހެމުން ދާއިރު، ފެންބޮޑުވުމުގެ ސަބަބުން މަގުތަކުގައި ހިނގާބިނގާވެ އުޅުމަށާއި ވެހިކަލްތައް ދުއްވަން ދަތިވެ، އާންމު ދިރިއުޅުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފަ އެވެ.
އައްޑޫގެ ގިނަ ސަރަޙައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު، އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤު (ސޯބެ) ވިދާޅުވީ ފެން ހިއްކުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުންދާ ކަމަށެވެ.

އައްޑޫގެ ލިންކް ރޯޑްގައި ވެސް މަގުމަތި ނުފެންނަ ވަރަށް ފެންބޮޑުވެފައިވާއިރު، މެޓް އޮފީހުން ވަނީ މިރޭ 21:15 އާއި ހަމައަށް ސ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ.
އައްޑޫގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ އަށް މިހާތަނަށް އެއްވެސް ހައްލެއް ހޯދިފައިނުވާއިރު، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.