Last Updated: June 17, 09:32
Wednesday, June 17, 2026
ޚަބަރު

ޓޫރިސްޓުންނަށް މާލެ-ގަން-މާލެ ޓިކެޓް އަގުހެޔޮ ކުރުމަށް މަސައްކަތް ކުރާނަން: ބްރިގޭޑިއަރ ދީދީ

ފަތުރުވެރިންނަށް މާލެ-ގަން-މާލެ ޓިކެޓްގެ އަގު ހެޔޮކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.

ޑީޑީ މިހެން ވިދާޅުވެފައި ވަނީ ބިދޭސީންނަށް މޯލްޑިވިއަން އިން ޓިކެޓް ވިއްކާ އަގު ބޮޑު ކަމާމެދު ކަންބޮޑުވުން ފާޅުކޮށް މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބުދެއްވަމުންނެވެ.

އެ މީހާ ކުރި ޓްވީޓްގައި ވަނީ "ޑޮމެސްޓިކް ފޮރިނަރ ފްލެކްސް ފެއަރ"ގެ މާލެ-ގަން-މާލެ ޓިކެޓްތަކުގެ އަގު 469 އެމެރިކާ ޑޮލަރަށް އަރާ ސަބަބު ބުނެދިނުމަށް މޯލްޑިވިއަން އަށް ގޮވާލާފައެވެ. އެ ޓިކެޓްގެ އަގު ބޮޑުވަނީ ދިވެހިންނަށް ލިބޭ ޚިދުމަތްތަކާއި އަޅާބަލާއިރު، ބޭރު މީހުންނަށް އިތުރު ބެގެޖު އެލަވެންސް ނުވަތަ ކާނާ ލިބޭތީތޯ އެމީހާ ވަނީ ސުވާލު އުފައްދާފައެވެ.

އެ ޓްވީޓަށް ޖަވާބުދިން އިތުރު މީހަކު ބުނެފައި ވަނީ ބިދޭސީންނަށް ޓިކެޓްގެ އަގުބޮޑުވުމަކީ އައްޑޫގެ އިޤްތިޞާދަށް އަޅާފައިވާ ދަތި ކުރުމެއް ކަމަށާއި، އެމްޑީޕީ އަށް ނިސްބަތްވާ ސަރުކާރަކުން އެކަމަށް ހައްލެއް ނުގެނައުމަކީ ބޮޑު ލަދެއް ކަމަށެވެ.

އެ ޓްވީޓްތަކަށް ޖަވާބުދެއްވައި ކުރެއްވި ޓްވީޓްގައި ދީދީ ވިދާޅުވީ އެއީ ޙަޤީޤަތުގައި ވެސް ޙައްލު ހޯދަންޖެހޭ ކަމެއް ކަމަށާއި، އެކަން ހައްލުކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

މޯލްޑިވިއަން އިން މިދިޔަ ހަފްތާގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އަގު 25% އާއި 30% އާއި ދެމެދުގެ އަދަދަކަށް ކުޑަކޮށްފަ އެވެ. އަދި މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ފެއަރތަކަށް ޢަމަލުކުރަން ފަށާނެ ކަމަށްވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ. ނަމަވެސް އެ ފެއަރތަކަކީ ހަމައެކަނި ދިވެހި ރައްޔިތުންނަށް ޚާއްސަ އަގުހެޔޮ ފެއަރތަކެއްކަން ފާހަގަކޮށްލެވެ އެވެ.