ސިޔާސީ މަޤާމްތަކަށް އައްޔަންކުރާ ފަރާތްތަކަށް ސުވާލު އުފެދޭގޮތަށް ލިބޭ ހަދިޔާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހަވާލުކުރުމުގެ ބަދަލުގައި، އެފަދަ ހަދިޔާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހަވާލުކުރާގޮތަށް ހަމަޖައްސައި ޤަވާއިދު ބަދަލުކޮށްފިއެވެ.
އެގޮތުން "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލު" އަށް އިސްލާހު ގެނެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގެޒެޓްކޮށްފަ އެވެ.
އަލަށް އެކުލަވާލި އުސޫލުގައި ބުނެފައި ވަނީ، މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި މެދު ސުވާލު އުފެދިދާނެފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ދޭން އުޅޭ ނުވަތަ ދީފާނެ ހަދިޔާއެއް ބަލައިގަތުމަކީ ކުށެއް ކަމަށެވެ. އަދި އެފަދަ ހަދިޔާއެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ ނުވަތަ ދީފިނަ، "ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު" އާއި އެއްގޮތަށް އަމަލުކުރަންވާނެ ކަމަށެވެ.
އެގޮތުން އެ އިސްލާހުގައި ބުނެފައި ވަނީ ދައުލަތުގެ ފަރާތުން ކަމަކަށް އެދިގެން އުޅޭ މީހެއްގެ ކިބައިން، ނުވަތަ ދައުލަތާއި ގުޅޭ ކަމެއް ކުރަން އުޅޭ މީހެއް ނުވަތަ ފަރާތެއްގެ ކިބައިން، ދައުލަތުގެ މުވައްޒަފަކަށް، ނުވަތަ އާއިލާގެ މީހެއް އަދި އަންބަކަށް އަދި ފިރިއަކަށް ނަމަވެސް ހަދިޔާއެއްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބިއްޖެ ނަމަ، ނުވަތަ ދޭން ހުށަހެޅިނަމަ އެކަން ލަސްނުކޮށް އޭސީސީއަށް އަންގަންވާނެ ކަމަށާއި، އެފަދަ އެއްޗެއް ލިބިއްޖެނަމަ އެ އެއްޗެއް އޭސީސީ އާއި ހަވާލު ކުރުމަށެވެ.