Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

މަހުގެ ހަމަ އަގު ހޯދައިދެވޭނީ މަޖްލިސް 19 އިން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދެވޭނީ ހަރުދަނާ ގާނޫނީ އޮނިގަޑެއް ހަދައިގެން ކަމަށާއި އެކަން ކުރެވޭނީ އަންނަ މަޖްލިސް 19 އިންކަމަށް މައްޗަންގޯޅި މެދު ދާއިރާއަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިނިގިލީ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޒާ ދިޔާނާ ސައީދުގެ ކެމްޕެއިން މާލޭގައި ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ނަޝީދު ވިދާޅުވީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ އެވައުދު ފުއްދައިދެވޭނީ ގާނީނީ ހަރުދަނާ އޮނިގަޑެެއް ހަދައިގެން ކަމަށާއި، އެކަން ކުރާނީ އަންނަ މަޖްލިސް 19 އިން ކަމަށެވެ.

"މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަކީ އެމްޑީޕީން ވެފައިވާ އެންމެ ބޮޑު އެއް ވައުދު. މަޖިލިސް 19 ވެގެން ދާނީ މަހުގެ ހަމަ އަގު ހޯދައިދޭނެ މަޖިލީހަށް. އެކަމުގެ ގާނޫނީ އޮނިގަނޑު އެކުލަވާލާނަން"

ނަޝީދު ވިދާޅުވީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދެވޭއިރު މިހާރުދެނީ ފައިސާގެ ބަދަލުގައި ނޯޓު ކޮޅެއް ކަމަށާއި، މީގެ ކުރިންވެސް މަސްވެރިން ބާނާ މަހަށް އަގު ދިނީ އެމްޑީޕީންކަމަށެވެ.

އަދި މިއަދުވެސް އެމްޑީޕީން މިތިބީ އެގޮތަށް މަސްވެރިންގެ ހިމާޔަތުގައި ކަމަށާއި، މަސް ގަންނަން ބޭނުން ފަރާތްތަކަށް މަސް ވިއްކެން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ މަސް ގަތުމަށް ބޭރުގެ އެތައް ބަޔަކު އެބަތިބި ކަމަށާއި، އެމީހުންނަށް މަސް ގަނެވޭ ގޮތްވެއްޖެނަމަ މަސްވެރިކަމުގެ ބާޒާރު ވާދަވެރިވެގެންދާނެ ކަމަށެވެ.

މަސްވެރިން ބާނާ މަހަށް އަގު ނުދެވޭއިރު ފާއިތުވި ދުވަސްތަކުގައި މަސްވެރިން ބޭނި މަހަށް މިފްކޯއިން ދޭން ޖެހޭ 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރީ ނުދީ ހިފަހައްޓާފައެވެ.