ސްޕެއިންއަށް ނިސްބަތްވާ ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް އިން އައްޑޫގައި ފުޓުބޯޅަ ކޭމްޕެއް ފަށައިފިއެވެ.
ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޭމްޕުގައި އައްޑޫގެ ޒުވާން ފުޓުބޯޅަ ކުޅުންތެރިންނާއި ކޯޗުންނަށް ވެސް އިރުޝާދު ދިނުމަށް ހަމަޖެހިފައިވެއެވެ.
އޮލިމްޕިކް ކޮމިޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު މަރްޒޫގް(މަރޭ) އިންތިޒާމްކުރި މި ކޭމްޕަށް އައްޑޫން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
މަރޭ ބުނެފައިވަނީ މިއީ ވަރަށް ގިނަ ދުވަސްވަންދެން ކުރަން އުޅުނު ކަމެއް ކަމަށެވެ. އަދި ޓީއެންޖީގެ ކުޅިވަރު އެކެޑެމީއެއް ވެސް އައްޑޫގައި ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.