Last Updated: June 17, 09:32
Wednesday, June 17, 2026
ޚަބަރު

މުވައްޒަފުންނަށް ލިބޭ ހަދިޔާ ނަގަންޖެހޭނީ ދައުލަތަށް: ނިޔާޒް

ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް - ފޮޓޯ: ސަން

ސިޔާސީ މަޤާމްތަކަށް އައްޔަންކުރާ ފަރާތްތަކަށް ސުވާލު އުފެދޭގޮތަށް ލިބޭ ހަދިޔާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހަވާލުކުރުމުގެ ބަދަލުގައި، ދައުލަތަށް ނެގުން ރަނގަޅު ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ނިޔާޒް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ނިޔާޒް ވިދާޅުވެފައި ވަނީ ސަރުކާރުން އުފުލަން ޖެހޭ ފަދަ ޒިންމާތައް، މިނިވަން މުއައްސަސާތަކާއި ހަވާލުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާ އާއި، މުއައްސަސާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބޭ ހަދިޔާތައް ހަވާލުކުރަން ޖެހޭނީ ދައުލަތުގެ ޚަޒާނާ އާއި ކަމަށެވެ.

އަދި އޭސީސީގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ކަންތައްތަކުން އެ މުއައްސަސާ ދުރުހެލިވާން ޖެހޭ ކަމަށާއި، ސިޔާސީ މަޤާމްތަކުގައި ތިބޭ މުވައްޒަފުންނަށް ސުވާލު އުފެދޭ ގޮތަށް ލިބޭ ހަދިޔާ އެ ކޮމިޝަން އާއި ހަވާލުކުރުމަށް ސަރުކާރުން ނިންމި ނިންމުން މުރާޖާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް މިހެން ވިދާޅުވިއިރު، ސިޔާސީ މަޤާމްތަކަށް އައްޔަންކުރާ ފަރާތްތަކަށް ސުވާލު އުފެދޭގޮތަށް ލިބޭ ހަދިޔާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހަވާލުކުރުމުގެ ބަދަލުގައި، އެފަދަ ހަދިޔާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހަވާލުކުރާގޮތަށް ހަމަޖައްސައި ޤަވާއިދު ވަނީ މިހާރު ބަދަލުކޮށްފަ އެވެ.

އެގޮތުން "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލު" އަށް އިސްލާހު ގެނެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގެޒެޓްކޮށްފަ އެވެ.

އަލަށް އެކުލަވާލި އުސޫލުގައި ބުނެފައި ވަނީ، މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި މެދު ސުވާލު އުފެދިދާނެފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ދޭން އުޅޭ ނުވަތަ ދީފާނެ ހަދިޔާއެއް ބަލައިގަތުމަކީ ކުށެއް ކަމަށެވެ. އަދި އެފަދަ ހަދިޔާއެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ ނުވަތަ ދީފިނަ، "ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު" އާއި އެއްގޮތަށް އަމަލުކުރަންވާނެ ކަމަށެވެ.

އެގޮތުން އެ އިސްލާހުގައި ބުނެފައި ވަނީ ދައުލަތުގެ ފަރާތުން ކަމަކަށް އެދިގެން އުޅޭ މީހެއްގެ ކިބައިން، ނުވަތަ ދައުލަތާއި ގުޅޭ ކަމެއް ކުރަން އުޅޭ މީހެއް ނުވަތަ ފަރާތެއްގެ ކިބައިން، ދައުލަތުގެ މުވައްޒަފަކަށް، ނުވަތަ އާއިލާގެ މީހެއް އަދި އަންބަކަށް އަދި ފިރިއަކަށް ނަމަވެސް ހަދިޔާއެއްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބިއްޖެ ނަމަ، ނުވަތަ ދޭން ހުށަހެޅިނަމަ އެކަން ލަސްނުކޮށް އޭސީސީއަށް އަންގަންވާނެ ކަމަށާއި، އެފަދަ އެއްޗެއް ލިބިއްޖެނަމަ އެ އެއްޗެއް އޭސީސީ އާއި ހަވާލު ކުރުމަށެވެ.