ށ. ނޫމަރާ ނެރުމައްޗަށް ދޯންޏެއް އެރުމާއި ގުޅިގެން އެމްއެންޑީއެފް އިން ޙަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފް އިން މަޢުލޫމާތު ދޭ ގޮތުގައި ނޫމަރާ ފަޅުން ނުކުންނަން އުޅުނު 50 ފޫޓުގެ "އަބާރަނަ" ނަމަކަށް ކިޔާ އެ ދޯނި ނެރުމައްޗަށް އެރިކަމުގެ ޚަބަރު ލިިބިފައި ވަނީ މިއަދު މެންދުރު 12:34 ހާއިރު ކަމަށާއި، އެ ދޯންޏަށް އެހީތެރުވުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން އިން ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ އާއި ހަވާލާދީ "ވީނިއުސް" އިން ރިޕޯޓްކުރާ ގޮތުގައި އެ ދޯނި ނެރުމަށްޗަށް އަރާފައިވަނީ މިއަދު 11:50 ގައި ކަމަށާއި، އެ ދޯންޏަކީ ނޫމަރާ އިންޖީނުގެ އަށް ބޭނުންވާ ތެޔޮ ހިފައިގެން އައި ށ. ކޮމަންޑޫ ދޯޏެއް ކަމަށެވެ.
މީގެ އިތުރުން ދޯންޏަށް ލިބުނު ގެއްލުންތަށް އަދި ސާފުނުވާ ކަމަށާއި، ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ނޫމަރާ ކައުންސިލުން ކުރަމުންދާ ކަމަށްވެސް ހަސަން ވިދާޅުވި އެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވެފައި ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ، މެޓް އޮފީހުން ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.