ވިލާމޭލޭ ފެރީ ޓާމިނަލްގެ ފަޅުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހިންގައިފި އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގި މި ޙަރަކާތަކީ މާލޭ ސިޓީ ކައުންސިލާއި، ވެމްކޯ އަދި އެމްޓީސީސީއާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ޕްރޮގްރާމްގައި ސާފުކޮށްފައި ވަނީ ވިލިމާލޭ ފެރީ ޓާމިނަލް ކުރިމަތިން އޮންނަ މާލޭ ފަޅުގެ ސަރަހައްދެވެ.
އެމްއެންޑީއެފް އިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތެރެއިން މާލޭ ފަޅު ތެރެއިން ގިނަ އަދަދެއްގެ ކުނިބުނި ނަގާފައިވާއިރު، އޭގެ ތެރޭގައި ދަގަނޑުގެ ބާވަތްތަކާއި، ޕްލާސްޓިކްގެ ބާވަތްތަކުގެ އިތުރަށް ޓަޔަރާއި ފިލްޓަރު ފަދަ ތަކެތި ހިމެނެއެވެ.

މިއަދު ހެނދުނު ކުރިއަށްގެންދިޔަ މި ޙަރަކާތް ނިންމާލެއްވުމަށްފަހު ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ މިފަދަ ޕްރޮގްރާމްތައް މުސްތަޤްބަލުގައި ވެސް ކުރިއަށްގެންދާނެ ކަމަށެވެ. އަދި މިފަދަ ޙަރަކާތްތައް ހިންގުމުގައި މިހާރަށްވުރެ ބޮޑަށް އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސާފުކުރުމުގެ މި ޕްރޮގްރާމާއި ބެހޭގޮތުން އެމްއެންޑީއެފްގެ ކެޕްޓަން އަބްދުއްލަތީފް އަލީ ވިދާޅުވީ ތިމާވެށި ސާފު ތަނެއްގެ ގޮތުގައި ދެމި އޮންނާނީ ހުރިހާ ރައްޔިތުންވެސް އެކަމަށް ފުރިހަމައަށް އެއްބާރުންލީ މޫދާއި ކަނޑަށް އުކާލާ ކުނި މަދުކުރެވިގެން ކަމަށެވެ.