މިދިޔަ ބުދަ ދުވަހުގެ ރޭ ގިލި ލަންކަންފުށީގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެ ރިސޯޓް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
ގިލި ލަންކަންފުށި އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ރިސޯޓްގެ ހަތް ވޯޓާ ވިލާއަކާއި އެއް ރެސްޓޯރެންޓް އެ ހާދިސާގައި މުޅިން ހަލާކުވެފައިވާ ކަމަށާއި، ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ނުވާ ކަމަށެވެ. އަލިފާނުގެ ހާދިސާ ދިމާވާން މެދުވެރިވި ސަބަބު އަދިވެސް އެނގިފައި ނުވާ ކަމަށާއި، އެ ހާދިސާގެ ފުރިހަމަ ތަހުޤީޤެއް އެމްއެންޑީއެފް އާއި ގުޅިގެން މިހާރު ކުރިއަށްގެންދާ ކަމަށްވެސް އެ ރިސޯޓުން ބުނެއެވެ.
އަދި އެ ހާދިސާގައި އަމިއްލަ ނަފްސުގެ މައްޗަށް ރިސޯޓްގެ ގެސްޓުންގެ މަސްލަޙަތު އިސްކުރި ސްޓާފުންގެ ޓީމަށާއި، އަލިފާންގަނޑު ނިއްވާލުމުގައި ޙަރަކާތްތެރިވި އެމްއެންޑީއެފްގެ ފަޔާފައިޓަރުންނަށް އެ ރިސޯޓުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މީގެ އިތުރުން އަލިފާން ރޯވި ޚަބަރު ލިބުމާއެކު ރިސޯޓަށް ވަޑައިގެން، ފޯރުކޮށްދެއްވި އެހީތެރިކަން ވެސް އެ ރިސޯޓުން ވަނީ ފާހަގަކޮށްފައެވެ.
އެ ހާދިސާގެ ސަބަބުން ރިސޯޓަށް ލިބުނު ގެއްލުން އަދިވެސް ތަހުޤީޤު ކުރަމުން އަންނަ ކަމަށާއި، ވަގުތީ ގޮތުން ރިސޯޓް ބަންދުކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އަދި ރިސޯޓް ހުޅުވުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، އެ ރިސޯޓްގައި ބުކިންގ ހަދާފައިވާ ގެސްޓުންނާއި ޓްރެވެލް އެޖެންޓުންނަށް ރިފަންޑު ނުވަތަ އެހެން ގޮތެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިސޯޓުން ބުނެއެވެ.