އިސްލާމީ މަރުކަޒު ކައިރީގައި ކަޅުވަކަރު މިސްކިތް ބެހެއްޓުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައި ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Islaamee Marukazaa invegen namaad kuraa gothah kalhuvakaru Miskih behettumee ehves haalehgai rangalhu kameh noon! 2 miskithuge adu gadha kuraain undhagoovumaai ethan munkaraathakah magufahivegen daane! e miskithu namaad nukuraa nama ethaa hurumakun massalaeh neh! @yumna_maumoon
— Ali Zaid (@alizaid1000) January 5, 2019
އެ ޓްވީޓްގައި ޝެއިޚް ޒައިދު ވިދާޅުވެފައި ވަނީ އިސްލާމީ މަރުކަޒާއި އިންވެގެން ނަމާދުކުރާ ގޮތަށް ކަޅުވަކަރު މިސްކިތް ބެހެއްޓުމަކީ އެއްވެސް ޙާލެއްގައި ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"ދެ މިސްކިތުގެ އަޑުގަދަކުރާއިން އުނދަގޫވުމާއި އެތައް މުންކަރާތްތަކަށް މަގުފަހިވެގެންދާނެ!"، އެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ޝެއިޚް ޒައިދު ވިދާޅުވީ، ކަޅުވަކަރު މިސްކިތުގައި ނަމާދު ނުކުރާނަމަ، އެތަނުގައި ހުރުމަކުން މައްސަލައެއް ނެތް ކަމަށެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވިއިރު، ކަޅުވަރަކު މިސްކިތް ބެހެއްޓުމަށް މިހާރު ނިންމާފައިވަނީ ޗާންދަނީމަގު، މެދުޒިޔާރަތްމަގު ގުޅޭކަންމަތި، ކުރިން ދިރާގު އޮފީސްހުރި ބިމުގައި ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.
ކަޅުވަކަރު މިސްކިތް އަލުން ރޭވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެގޮތުން މިސްކިތުގެ ލަކުޑީގެ ބައިތަކަށް ދޭންޖެހޭ ފަރުވާދިނުމާއި މަރާމާތު ކުރަންޖެހޭ ބައިތައް މިހާރު ގެންދަނީ މަރާމާތު ކުރަމުން ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.
ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތުގައި ހިލޭ ސާބަހަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
ކަޅުވަކަރު މިސްކިތަކީ ތަފާތު ކުރެހުން އަޅައިފައި ހުރި، ފާރުތައް ހިރިގަލުން ހަދައި، ބިންވަޅު ނަގައިފައި ހުރި މިސްކިތެކެވެ. މި މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެވިފައިވާ ލިޔުމަކުން އެނގޭ ގޮތުގައި މިސްކިތް ބިނާ ކުރެވުނީ އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. މި ރަދުން ރަސްކަން ކުރެއްވީ 1779މ. އިން 1799މ. އަށެވެ.
ކަޅުވަކަރު މިސްކިތަކީ އެތައް ޚާއްޞަކަމެއް އެކުލެވިގެންވާ އެހެން މިސްކިތްތަކާ ޚިލާފު މިސްކިތެކެވެ. މުޅިން ކަޅުވަކަރާއި ހިރިގާ ބޭނުން ކޮށްގެން ހަދާފައި ހުރި އެވަރުގެ ދެވަނަ މިސްކިތެއް މުޅި ރާއްޖޭގައި ވެސް ނެތެވެ. މިސްކިތުގައި ބޭނުން ކޮށްފައި ހުރި ލިޔެލާ ޖެހުމުގެ މަސައްކަތް ރަމްޒު ކޮށްދެނީ ދިވެހީންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަމެވެ.