Last Updated: April 24, 20:01
Wednesday, April 24, 2024
ރިޕޯޓް

ބޮލަށް އުނބުވެރެންޏާ ރުއް ޖެހޭނީ ކަނޑައިލާށެވެ

ނިދާންކަމަށް ހިތުލައިގެން އެނދަށް އަރައި ދެއަތަކަށް ފުރޮޅިފުރޮޅިއޮއްވައި ރަނގަބީލުވެގެން ފޯނަށް ބަލައިފީމެވެ. ނުދަންނަ ލަންބަރަކުން ފޮނުވާފައިއޮތް މެސެޖެކެވެ. ލިޔެފައި އޮތެވެ. މެކުނު ފުމުނަކަސް ގާހަކަޔަކަށް ނުފުމެވޭނެއެވެ. މިއީ ވަރަށް ވާހަކައެވެ. ހިތުގައި ޖެހުނެވެ. މިއީ އަނެއްކާ ކޮންވާހަކައެއް ބާވައެވެ. އަހުރެންނާ އެކަށީގެންނުވާ ކޮންކަމެއް ކުރާން އަހުރެން ދިމާކޮށްގެން އުޅޭތީ ހޭއަރުވައިލުމުގެ ގޮތުން ބުނި ވާހަކައެއްބާވައެވެ. ކުޑައިކޮށް ވިސްނައިލީމާ ވެގެންއުޅޭގޮތް މޭރުންވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑިގޮނޑިޔަށް އަރައިފޭބުމުގެ ފޯވަހި ބޯމަތިވަމުން އަންނާތީ އެކަމުގެ އުދާސްތައް އަހުރެންގެ ފޯނާހަމަޔަށްވެސް ފޯރީއެވެ.

ކުއްލިއަކަށް އައީ ތަންކޮޅެއް ކުރީގެ ހަނދާނެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އެމަޖިލީހުގައި ހިމެނޭ އެހެން މެންބަރެއްގެ ބަފާ ފޮނުވި މެސެޖެއްގެ ހަނދާނެވެ. އެދުވަސްވަރު މީސްމީޑިޔާގައި ލައްކަބޮޑަށް ދައުރުވި މެސެޖެކެވެ. ލިޔެފައިއޮތެވެ. އަހުރެން ބޭނުންވީމާ އަހުރެންވެސް އަދި އަހުރެންގެ އަންހެނުންވެސް އިންނާނީ ގޮނޑީގައެވެ. އަހުރެންގެ ދަރީންވެސް ތިބޭނީ ގޮނޑިގޮނޑީގައެވެ. އަދިކިޔެއްތަ އަހުރެންގެ ގޭގެ ބަދިގޭގައި ކައްކަން ގެންގުޅޭ ނޯކަރުމީހާވެސް ގޮނޑިއެއްގައި ބައިންދާހުށީމެވެ. ކަލޭމެންނަށް ހީވާގޮތްދޮތައެވެ. ފެންވަރު އޮޅިގެން މަގޭ ދަރިޔާ ނުބެހޭށެވެ.

މުސްކުޅިން ބުނެއުޅެއެވެ. ގަތްދެވި ފިލިއަސް ވީފަރިތައެއް ނުފިލާނެއެވެ. މިބަހުގެ މުރާދަކީ މީހެއްގައި ނުވަތަ ބައެއްގެ ކިބައިގައި އަށަގެންފައި ހުންނަ އާދައެއް ދުވަހަކުވެސް ނުފިލާނޭކަން އަންގައިދިނުމެވެ. ގާހަކަޔަކަށް ނުފުމެވޭނެއޭ ބުނެ އަހުރެންނަށް އައި މެސެޖަކީވެސް މިޒާތުގެ ބަސްބަސް ބުނާން ބަޔަކު ވެފައިވާ ފަރިތައެއްގެ އަސަރުކަމަށް ވެދާނެއެވެ. ހަދިޔާބަދިޔާއޭ މާލޭ މީހުންނޭ މަޖިލީހުގެ ގޮނޑިއޭ ކިޔައިގެން ކޮންމެވެސް ނޫހެއްގައި ދަމާފައިވާ ހާސަރުތަކެއް މިއޮތީ އަހުރެންނާ ގުޅުވައިފައެވެ.

ތެދެކެވެ. މެކުނު ފުމުނަކަސް ގާހަކަޔަކަށް ނުފުމެވޭނެއެވެ. ހަމައެގޮތަށް ފެމުނަކަށްވެސް ގާހަކަ އެއިންނަ ގޮތަށް ކެތްތެރިވެގެން ވަގުތުގެ އިންތިޒާރުގައި ނީދެވޭނެއެވެ. މަތިންދާބޯޓު އުދުހުނަސް ރަންވޭއަކަށް ނުއުދުހެވޭނެއެވެ. އެކަމަކު މަތިންދާބޯޓުވެސް އުދުހިއުދުހިފައި ތެޔޮހުސްވާން ކައިރިވީމާ ތިރިކުރާންޖެހެނީ ރަންވޭއަށެވެ. ތެޔޮއަޅައިގެން އަލުން އުދުހެވޭނީވެސް ރަންވޭގެ އެހީގައެވެ. ކިތަންމެ އުހުގައި އުދުހޭ މަޖިލީސް މެންބަރަކަސް ރަންވޭއަށް ތިރިކުރާން އެބަޖެހެއެވެ. އަލުން އުދުއްސައިގަންނާންވެސް ރަންވޭ އެބަބޭނުންވެއެވެ. އެފަދަ މެންބަރުންގެ ރަންވޭއަކީ ރައްޔިތުންނެވެ. ދުވެއްޔާއި އުދުހުމަށް ބޭނުންވާ ހަކަތަ ލިބެނީ ރައްޔިތުންގެ ވޯޓުންނެވެ. އެހަކަތައަކީ ދާއިމީ ހަކަތައަކަށްނުވާތީ ދޭތެރެ ދޭތެރެއިން ތިރިކުރާން މަޖުބޫރުވެސްވެއެވެ.

ބުޅަލުބުޑުގައި އުނބުންޖެހީމާ ދާހެން އަހުރެންވެސް ފެއްސިގެން ހިނގައިދާނޭކަމަށް ހީކޮށްފައި މެސެޖެއް ފޮނުވީކަމަށް ވެދާނެއެވެ. ބިރުން ފަސްބަލާނުލައި ބޯޖެހިތާނަގޫޖަހާފައި ހަރުކޮށް ދުވެފައި ހިނގައިދާނެޔޭ ހީކުރީކަމަށްވެސް ވެދާނެއެވެ. މިހައިތަނަށް އަހުރެން ހުރީ މިޒާތުގެ ގޯހައްޕަޅި މީހުންނާ ސާދަލައްބައިގެ ކޮޅުގައެވެ. ނުބެހެމެވެ. ނުބަލަމެވެ. ނުބެހޭކަމަކާ ކާޅުކެޔަސް ސޮއްނުގޮވާށޭ ބުނާ އުސޫލުންނެވެ. ނުބެހޭކަންކަމާ ގާތްނުވުމުގެ ގޮތުންނެވެ. އެހެންޏާފަހެ އަހުރެން ކުރިމަތިލަނީކީއެއް ނޫނެވެ. އެކަމަކުވެސް މިއޮތީ ބައްސައިފައެވެ. އެހެންވީމާ ދެން ދައްކާންހުރި ވާހަކަ ޖެހޭނީ ދައްކަންތާއެވެ. ކުޅަނދުރު ހަތަޔަށް އޮށްގައުލީމާ ވާންހުރިކަންކަންވެސް ދާނީ ވަމުންތާއެވެ. މުޅަދަރިޔަށް ބޭސްދިނުމަކީވެސް އޮންނަކަމެއްވިއްޔާއެވެ.

ފެމުނު މިއުދުހޭ އުދުހުމާއިމެދު ރައްޔިތުންގެ ވިންދާއި އިހުސާސްތައް ބަލައިލަމާބަހީއެވެ. ގިނަބަޔަކު އެތިބީ ވާދޫކަނޑަށް ގަހާތަރި އޮއްސުނީމާ ވާހެންވެފައެވެ. އިތުބާރު ނުކުރެވޭ މީހަކާ އަމާނާތެއް ހަވާލުކުރެވުނީމާ އެއެއްޗެއް ގެއްލުމުގެ ބިރުވެެރިކަމާއި ދެރަކަން އިހުސާސްކުރުމުގައެވެ. ހަވާލުކުރެވުނުކަމުގެ މޮޔަ އިހުސާސްކުރުމުގައެވެ. އެހެންވީމާ ގިނަބަޔަކު މިހާރު ބޭނުންވެގެން ތިބީ ސާޅީހަށް ހިނައިގަތުމަށެވެ. އުއްމީދަކީ އެޕްރީލްމަހުގެ ފުރަތަމަ ހަފުތާ ނިމޭއިރު ގައިން ތާހިރުވެ ދާއިރާވެސް ތާހިރުކުރުމެވެ.

ބޮލަށް އުނބުވެރޭ ރުކެއް ކެނޑީމާ އެކަމުގެ ފަސޭހަކަން އިހުސާސްވާނީ އެފަދަ ހާލަތެއް ތަޖުރިބާކޮށްފައިވާ މީހަކަށެވެ. އުނދަގޫވޭވޭހުރިކަމެއް ފިލައިގެންދިޔައީމާ އެކަމުގެ ހިތްފަސޭހަކަން ބުނެދިނުމަކީ ގަލަމަކުން ދެއްޔަކުން ބަޔާންކުޅައުމަށް ފަސޭހަކަމެއްވެސް ނޫނެވެ. ދާއިރާގެ ރައްޔިތުން އެތިބީ އުނބުވެރެމުންދާ ރުއް ކެނޑުމުގެ އިންތިޒާރުގައެވެ. ހަނދާންވޭހެއްޔެވެ. އަމާވެސް ބުންޏެވެ. އަހުރެމެންނަށް ވަދެވިފައި މިތިބީ ކަށިކުނބުރު ޖަންގައްޔަކަށެވެ. ސަލާމަތުން ނިކުމެވުނަސް ނަސީބެވެ. ދަރިޔަކަށް އެންމެހެޔޮ އެދޭނީ އަމައެވެ. މިއީ އަމާގެ ބަހެވެ. އެހެންވީމާ މި ޖަންގަލީގައި ދެމިހުންނަން އުޅޭނޭކަމެއްނެތެވެ. ރައްޔިތުން މިތިބީ ގަދަކަމުންވިޔަސް ނެރޭން ނިންމައިގެންނެވެ. ދެފަރާތުގެ މަސްލަހަތުވެސް އޮތީ މިގޮތުގައެވެ.