Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ބޭއްވޭނީ ދެފުށް ފެންނަ އިންތިޚާބެއް: އިންތި

މިމަހުގެ ފަހުކޮޅު ބޭއްވޭ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއަކީ އިންސާފުން ކައްސާލާނެ އިންތިޚާބެއް ނޫން ކަމަށާއި ހުރިހާ ކަމެއް ވެސް ހިނގާނީ މެމްބަރުންގެ ކުރިމަތީ ދެފުށް ފެންނަ ގޮތަށް ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ގޮތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސުގައި އިންތި ވިދާޅުވީ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދާނީ ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި ކަމަށެވެ.

ވޯޓު އޮޅުވާލުމާއި ނުފޫޒުން އެއްވެސް ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން މެމްބަރުންނަށް ދޭން ބޭނުން ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. "މީގެ ކުރީގެ އިންތިޚާބުތައް ވެސް ދިޔައީ ވަރަށް ފުރިހަމަކޮށް. މިފަހަރުވެސް ދާނީ އެގޮތަށް،" އިންތި ވިދާޅުވިއެވެ.

އެމްޑީޕީން ވަނީ 87 ދާއިރާގެ ތެރެއިން އެންމެ ދާއިރާއެއް ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރަން އިއުލާންކޮށްފައެވެ. ފ. ނިލަންދޫ ދާއިރާ ފިޔަވައި، ބާކީ 86 ދާއިރާއަށް އެމްޑީޕީ ކެންޑިޑޭޓުން ވާދަކުރާއިރު 9 ދާއިރާއަށް އެންމެ ކެންޑިޑޭޓަކު ވާދަކުރާތީ ޕްރައިމަރީ ނުބާއްވަން ވަނީ ނިންމާފައެވެ.

މިފަހަރުގެ ޕްރައިމަރީގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ހަސަން ލަތީފްގެ އިތުރުން އެމްޑީޕީގެ ލީޑަޝިޕް އިސް ބޭފުޅުން ވާދަކުރައްވައެވެ.